ކޯވިޑް-19 ރާއްޖޭގައި މިހާރު ކޮންޓްރޯލްވެފައިވާ މިންވަރު އިތުރުވިޔަ ނުދީ މިހާރު އާންމުން މަސައްކަތް ކުރަންޖެހޭ އެންމެ މައިގަނޑު އެއް މަގުސަދަކީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް މިދިޔަ މާޗް މަހު ބަންދު ކުރުމަށް ފަހު ޖުލައި އެކެއްގައި ހުޅުވި ނަމަވެސް މާލޭ ސިޓީގެ ސްކޫލްތަކުގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ނުފަށައެވެ. މާލޭގެ ކޯވިޑްގެ ހާލަތަށް އަންނަ ބަދަލަށް ބަލައި ގްރޭޑްތަކުގެ ކިޔަވައި ދިނުން އިތުރު ކުރި ނަމަވެސް އަހަރު ނިމުން އިރު މާލޭ ސްކޫލްތަކުގައި ކިޔަވައި ދެމުން ދިޔައީ ގްރޭޑް 7-12 އަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޯވިޑް ކޮންޓްރޯލުން ނެއްޓިއަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ބޮޑެތި މީހުންނަށް ވަރަށް ގިނަ ކަންކަން ކުރެވުނަސް ދަރިވަރުން ތިބީ ސްކޫލަށް ދިއުމުން މަހްރޫމްވެފައި ކަމަށެވެ. އަންނަ މަހުގެ 10 ގައި ކިޔެވުން ފަށަން ނިންމާފައި ވާއިރު ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވާނަމަ ސްކޫލްތައް ހުޅުވުމަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސްކޫލަކީ ހަމައެކަނި އިލްމު ފޯރުކޮށްދޭ ތަނެއް ނޫން ކަމަށެވެ. އެ ތަނުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ ކަމަށާއި ސްކޫލަށް ނުދިއުމުން ދިމާވާ އިޖުތިމާއީ ބައިވަރު ކަންތައް ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގޭމަށް އެޑިކްޓުވުމާއި ރޫޓިން ބަދަލުވުން ފަދަ ކަންތައް ހިމެނެ އެވެ.
އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި މެދު އިތުރަށްމި ދުވަސް ވަރު ސަމާލުވާން ޖެހެނީ ވައިރަސްގެ އާ ވޭރިއެންޓެއް ދުނިޔޭގައި ފެތުރެމުންދާތީ ކަމަށެވެ. އެ ވޭރިއެންޓު މިހާރު އިނގިރޭސިވިލާތަށް ދަތުރު ނުކުރާ ކޯވިޑް ޖެހޭ މީހުންގެ ފަރާތުން ފެންނަމުންދާތީ ރާއްޖެއަށް ބޭރު ގައުމުތަކުން އަންނަ މީހުންގެ ފަރާތުން އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 13،700 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް