ކައިވެނި ޕާޓީއަށް ދިޔަ އިތުރު 27 މީހަކު ޕޮސިޓިވްވެ ޖުމްލަ 68 އަށް

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އިތުރު 27 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެ ހަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިދިޔަ ހޯމަ ދުވަހުގެ ނ...

31 Dec 2020 | 04:40

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އިތުރު 27 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެ ހަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަަލަށް ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް ދިޔަ 41 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ހަފްލާގައި ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް 68 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ހައިރިސް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި 229 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 71 މީހުންނަކީ ހައި ރިސްކު މީހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕާޓީއަށް ދައުވަތު ދިން 120 މީހުންނާއި ކޭޓަރިން ކަންތަކާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގައި އުޅުނު އެންމެން ކޯވިޑަށް ޓެސްޓުކޮށް ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް