ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސް އެއްވަނަބައި

ދޮރާ ގާތްވެލުމަށްފަހު ޕީޕް ހޯލްގައި ލޯ ޖަހާފައި ބޭރު ބަލާލިއެވެ. މާލޭގެ މާހައުލު ޒާރާއަށް ނިކަން ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެގޮތަށް އެކަނި ހުރެ ދޮރު ހުޅުވަން ޒާރާ ބިރުގަންނަނީއެވެ. ބޭރުގައިހުރ...

31 Dec 2020 | 03:52

ދޮރާ ގާތްވެލުމަށްފަހު ޕީޕް ހޯލްގައި ލޯ ޖަހާފައި ބޭރު ބަލާލިއެވެ. މާލޭގެ މާހައުލު ޒާރާއަށް ނިކަން ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެގޮތަށް އެކަނި ހުރެ ދޮރު ހުޅުވަން ޒާރާ ބިރުގަންނަނީއެވެ. ބޭރުގައިހުރީ ފިރިހެނެކެވެ. އެމީހާ ހުރީ ދޮރާދިމާއަށް ފުރަގަސްދީގެންކަމުން އެމީހާގެ މޫނެއް ޒާރާއަކަށް ނުފެނުނެވެ. ދެވަނަ ފަހަރަށް ބެލް ޖަހާތޯ މަޑުކޮއްލުމުންވެސް ޚަބަރެއް ނުވިއެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން ބަލާލިއިރުވެސް އޭނާ ހަމަ އެތަނުގައި އެހުރިގޮތަށް އެބަހުއްޓެވެ. ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. މާގިނައިރެއް ނުވެ ޒާރާގެ ފޯނަށް އިމްރާން ގުޅިއެވެ. ބޭރުގައި އިއްބެ ހުރި ވާހަކައާއި އޭނާ އަތުގައި އޮތް ފައިލާ ހަވާލުވާން ބުނުމުން ޒާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބޭރުގައިހުރީ ކާކުކަން ޔަގީންވުމުން އިތުރަށް މަޑުކުރާކަށް ޒާރާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހާ ކޮޓަރިއަށްވަދެ ބުރުގާ އަޅާލުމަށްފަހު ނިކުމެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފުރަގަސްދީގެން ހުރި ފިރިހެންމީހާ އެނބުރިލިއެވެ.

އެކަކު އަނެކެއްގެ މޫނަށް ބަލާލެވުމާއެކު ދެމީހުނަށްވެސް ލިބުނީ ޝޮކެކެވެ.

''ޒާ........ޒާރާ...........'' އާދިލަށް  ޒާރާގެ ނަން ކިޔާލެވުނީ ނިކަން އުނދަގުލުންނެވެ. ޒާރާގެ ދެތުންފަތް ހަރަކާތް ކޮއްލިނަމަވެސް އަނގައިން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ.

އާދިލްގެ ލޯކުރިމަތީ އެހުރީ ޒާރާ ނޫން ދެވަނަ މީހެއް ނޫނެވެ. ދޫ ހަރުވާޅަކާއެކު އަތްދިގު ޓީޝާޓެއް ލައިގެން ހުރި ޒާރާ އޭރަށްވުރެ ކުޑަކޮއް ފަލަހެން ހީވިޔަސް އެއީ ހަމަ އެ ރީތި ސޫރައެވެ. މިފެންނަނީ ހުވަފެނެއް ނޫން ބާވައޭ އާދިލްގެ ހިތަށް އެރިއެވެ. މީގެ ކުރިންވެސް އެފަދަ އެތައް މަންޒަރެއް ހުވަފެނުގައި އާދިލްއަށް ފެނިފައިވެއެވެ. ޒާރާގެ ޚިޔާލުގަ އޮވެ ނިދުމަށްފަހު އެތައް ރެއަކު އޭނާއަށް ހޭލެވެނީ އޭނާއާ ނުހަނު ގާތުގައި ޒާރާ ވަނިކޮށް ހުވަފެނުން ފެނިގެންނެވެ. އެހެން ނަމަވެސް އެއީ ހައްތަހާވެސް ހުވަފެނެވެ. ބިލާހެވެ. އޭގެން ކޮންމެ ފަހަރަކުވެސް ހޭލެވުމާއެކު އެއީ ހުވަފެނެއްކަން ޔަގީންވެއެވެ. އެހުރިހާ ފަހަރަކާ މިފަހަރު ތަފާތެވެ. މިވަގުތު އޭނާ އެހެރީ ހޭލައެވެ. ދެލޯ ނޭދި އެދޭ އޭނާގެ ލޯބިވެރިޔާ އެހެރީ އޭނާގެ ލޯ ކުރިމަތީގައެވެ.  އެހެންނަމަވެސް އާދިލްއަށް އަދިވެސް ޔަގީނެއް ނުކުރެވެއެވެ. ޒާރާގެ ސޫރައަށް، އެ މޫނަށް ކަޅި ހުއްޓާލައިގެން ބުދެއްހެން ހުރެވުނީ އެހެންވެގެންނެވެ.

އާދިލް ފެނުމާއެކު ޒާރާގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. ކުރިމަތީގައި ހުރި އާދިލްގެ މޫނަށް ބަލަން ހުރެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. މީގެ ހަތަރުވަރަކަށް އަހަރު ކުރީގެ ހަނދާންތައް ވަޅުޖެހިފައި އޮތުމަށްފަހު ކުއްލިއަކަށް އާވެގެންފިއެވެ. އިމްރާން އެބުނާ އިއްބެއަކީ އާދިލް ބާވައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ. ޒާރާ ވިސްނާލިއެވެ. އާއެކެވެ. އިބްރާހިމް އާދިލް ކިޔަސް ގިނަ މީހުން ކިޔަނީ އާދިލް އެވެ. އެކަމަކު އިމްރާނަށް އާދިލް އެނގިފައި އޮތީ ފަހުދުގެ ފަރާތުންނެވެ. ފަހުދު މުޚާތަބު ކުރަނީ އިއްބެ ކިޔައިގެން ކަމުން އެކަން އެގޮތަށް ވެ ނިމުނީއެވެ. އެމީހުން ތެރޭގައި އާދިލްގެ ނަން އިއްބެ އަށް ބަދަލުވި ގޮތަކީ އެއީއެވެ. ޒާރާގެ ސިނކުޑީގައި އުފެދުނު ސުވާލަށް ޖަވާބު ހޯދާދިނީ ޚުދު އޭނާގެ އަމިއްލަ ސިނކުނޑިއެވެ.

އެކަން ކުރިން އެނގުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ ޒާރާގެ ހިތަށްއެރިއެވެ. އާދިލްގެ ލޯބި ޒާރާގެ ހިތުން ފުހެވުނުތާ ކިތަންމެ ދުވަހެކެވެ. ނޫނެކެވެ. އެ ލޯބީގެ މައްޗަށް އިމްރާންގެ އޯގާތެރިކަން ގަދަވެގަތީއެވެ. އެ އޯގާތެރިކަން ލޯތްބަށް ބަދަލުވީ އިރެއް ޚުދު ޒާރާއަށްވެސް ނޭނގެއެވެ. އާދިލް އެގޮތަށް އޭނާގެ ކުރިމައްޗަށް އައުމުން ބުނަން ނޭނގޭ ގޮތްތަކެއް ޒާރާއަށް ވެއްޖެކަން ޔަގީނެވެ.

''ޒާރާ.......'' ހަރަކާތެއްނެތި ގަނޑުވެފައިހުރި ޒާރާއަށް ސިހުން ލިބިގެން ދިޔައީ ދެވަނަފަހަރަށް އާދިލް ގޮވާލުމުންނެވެ. އިސްއުފުލާ އާދިލާ ދިމާއަށް ޒާރާއަށް ބަލާލެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އެއީހަމަ އެ ޖަޒްބާތީއަޑެވެ. އެ އަޑަކަށްޓަކައި ޒާރާގެ ދެކަންފަތް އިންތިޒާރު ކުރަމުން ދިޔަ ރީތި އަޑެވެ. އެ އަޑުގެ ރީތިކަމަށް ކެނޑިނޭޅި ތަޢުރީފު ކުރަމުންދިޔަ ހިތްގައިމު ފިރިހެންވަންތަ އަޑެވެ.

''ޒާރާ އުޅެނީ މިގޭގަ ތަ.......... މި ފައިލް އިމްރާންގެ ވައިފް އަށް ހަވާލުކޮށްލަން މިއައީ.......... އެކަމަކު ގުދުރަތުގެ މަތިވެރި ރޭވުން ދެކިބަލަ ޒާ...........އަލްހަމްދު ލިﷲ........ އަހަރެންގެ ދުޢާ ﷲ އިޖާބަކުރެއްވިގޮތް ކިހާ ފުރިހަމަ......... ޒާރާ............'' އާދިލްއަށް އޭނާގެ އިހްސާސްތަކާ ޖަޒުބާތުތައް ކޮންޓްރޯލް ކުރުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވެވޭތޯ މަސައްކަތް ކުރިއެވެ.

ﷲ އަށް ޙަމްދު ކުރަމުން އާދިލް އެއްފިޔަވަޅު ކުރިއަށް ޖެހިލުމާއެކު، އާދިލް މިހާރު އެހުރެވުނީ ޒާރާއާ ނުހަނު ގާތުގައެވެ. އޭނާގެ ހިތުގެ ތެޅުން އިވޭހާ ގާތަށް ޖެހިލަން ހިތްގޮވާ ނަގަނީއެވެ. ޒާރާ ގެނެސް މޭގައި ޖައްސާ ބޮނޑިކޮއްލަން އޭނާގެ ސިނކުޑި އެތައް ފަހަރަކު ބުނެފިއެވެ. އެހެންނަމަވެސް އާދިލް އަމިއްލަ ނަފުސު އޭނާގެ ކޮންޓްރޯލުން ނެއްޓުނަކަ ނުދިނެވެ.

އާދިލް ކުރިއަށް ޖެހިލިނަމަވެސް ޒާރާ ހަމަ ހުރިގޮތަށް ހުރީއެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނާތާގައި އެއްވެސް ހަރަކާތެއްވެސް އޭނާ ނުކުރެއެވެ. ލޮލުގެ އެސްފިޔަ ޖަހާހެންވެސް ހިޔެއް ނުވެއެވެ. އޭނާގެ ސިނކުޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ. އެ ތޫފާނުގެ ބާރުގަދަ ކޮޅިގަނޑުގައި ޒާރާ ބެހެމުން ދަނީއެވެ. ހަދާނެގޮތެއް ކުރާނެކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އާދިލް އަށް ދޭނެ ޖަވާބެއްވެސް އޭނާގެ ކިބައިގައި ނުވާކަހަލައެވެ.

''ޒާރާ............'' އާދިލްގެ ކެތްތެރިކަން ކޮޅުންލީ ޒާރާގެ ކިބައިން އެއްވެސް ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުންނެވެ. އާދިލްއަށް ޒާރާގެ އަތުގައި ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ. ވާރޭގެ ތެރޭގައި ގިނައިރު އުޅުމުސަބަބުން ފިނިވެފައިވާ އާދިލްގެ އަތް ޒާރާގެ އަތުގައި ޖެހުމާއެކު ޒާރާއަށް ތެޅިގަނެވުނެވެ. އާދިލްގެ އަތުތެރެއިން އަތް ދަމައިގަނެވުނީ ހޫނު އެއްޗެއްގައި އަތްލެވުނީމާ އަތްދަމައިގަނެވޭ ފަދައަކުންނެވެ.

އެވަގުތު ޒާރާގެ ފޯނަށް އިމްރާން ގުޅިއެވެ. ފޯނު އަތުތެރޭގައި އޮވެ ވައިބްރޭޓްވަމުން ދާއިރުވެސް ޒާރާ އަށް އެކަން އިހްސާސްވާ ހެނެއް ހިޔެއް ނުވެއެވެ. ފޯނު ހިފަހައްޓައިގެން ހުރިގޮތުން ޑިސްޕްލޭއަށް އަރާފައިނަން ފެންނަން ނުފެނުނުކަމުގައިވިޔަސް ޑިސްޕްލޭ ދިއްލިފައިވާ ފޯނު ފެނުމުން ޒާރާއަށް ކޮންމެވެސް މީހަކު ގުޅާކަން އާދިލަށް އެނގުނެވެ.

''ފޯނު...........'' އާދިލް އިޝާރާތް ކުރީ ޒާރާގެ އަތުތެރޭގައިވާ ފޯނަށެވެ. ފޯނު ކެނޑުނު އިރުވެސް ޒާރާ ހަމަ ހުރިގޮތަށް ހުރީއެވެ. އެ ގުޅާ މީހަކީ ކޮންމެ މީހަކަށްވިޔަސް މިވަގުތު އޭނާގެ ހާލަތު ހުރިގޮތުން ވާހަކަ ނުދެއްކޭނެކަން އޭނާއަށް އެނގެއެވެ.

ފޯނު ކެނޑުނުތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އާދިލްގެ ޖީބުގައިވާ ފޯނުގެ ރިންގު އަޑުން ތަނުގައިވާ ހަމަހިމޭންކަން ފުޑުފުޑުކޮއްލައިފިއެވެ.

''ހަލޯ........'' އާދިލް ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިމްރާންގެ އަޑު އައެވެ.

''ކޮބާ .......... ހަވާލުކުރެވިއްޖެ ދޯ......... ވައިފް ވަރަށް ކަންބޮޑުވެފަ ހުރީ ............ އެކަނި އުޅޭތީ .......... މިހާރު މާލޭގެ ކަންތައްތައް ހުންނަގޮތުން ބިރުގަންނާނެދޯ އަންހެނަކު އެކަނި ހުރެފަ ގޭގެ ދޮރު ހުޅުވަން..........އެހެންވެ ހުޅުވަން ނުކެރިފަހުއްޓަ ބޭރުގަ އިއްބެހުރި ވާހަކަ ބުނީމަ އެ ހުޅުވީވެސް......... އެހެންވެ ލަސްވީ..........ދިމާވި ދޯ.......ޒާރާ ވަރަށް ލަދުންދޯ ހުރީ......... އެއީ އޭނާގެ މިޒާޖު........ އަލައް ފެނުނީމަ ވެދާނެ ދޯ އެހެން.......... އެކަމު ފަހުން ރަނގަޅުވާނެ..........ޒާރާއަށް ވެސް ގުޅައިފިން ......... ފޯނު ނުނެގީމަ އިއްބެއަށް މި ގުޅީ.......... ވެދާނެ ކުޑަމީހާ ހޭލީމަ ބިޒީވެގެން ފޯނު ނުނެގުނީ ކަމަށްވެސް..............'' އިމްރާން ވާހަކަދައްކަމުން ދިޔައެވެ. އާދިލްއަށް އެ ދައްކާ ވާހަކަ އަޑުއިވޭހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ކުރިމަތީ ހުރި ޒާރާގެ މޫނަށް ހުއްޓިފައިވާ އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

އާދިލް އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ޒާރާ ބަލަން ހުއްޓާ އާދިލް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު އާދިލް އަރިއަޅާލައިފިއެވެ.

-----------------------------------

ނުނިމޭ..... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހަތަރެއް ޖަނަވަރީ 2021 ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް