ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުން ހުއެސްކާގެ މައްޗަށް ރެއާލް ކުރި ހޯދައިފިއެވެ.
ރެއާލް ގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލި ރެއާލް މެޑްރިޑަށް ގޯލެއް ނުޖެހޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެޑެން ހަޒާޑް ވަނީ މި މެޗުގައި ކުޅެފައެވެ. އޭނާ ވަނީ މި މެޗުގައި ލަނޑެއް ވެސް ޖަހާފައެވެ. މިރޭގެ މެޗަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލަށް ހަޒާޑް ކުޅެދިން ފުރަތަމަ މެޗެވެ.
ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ރެއާލް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެޑެން ހަޒާޑްއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރެއާލަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ތިން ވަނަ ގޯލު އުރުގުއޭގެ މިޑްފީލްޑަރު ފެޑެރިކޯ ވަލްވޭޑޭ ޖެހިއިރު ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ބެންޒެމާ އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި ތާވަލުގެ 17 ވަނައިގައި އޮތް ހުއެސްކާގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ފެރޭރޯ އެވެ.
މި މޮޅާ އެކު ރެއާލް ވަނީ ހަތް މެޗުން 16 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު އަށް މެޗުން 14 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތީ އަލަށް ކޮލިފައިވި ކާޑިޒް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް