އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޝެފީލްޑް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ޝެފީލްޑުގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ސިޓީން ވަނީ ޝެފީލްޑުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ ޝެފީލްޑުގެ ޒުވާން ގޯލްކީޕަރު އާރޮން ރާމްސްޑޭލެވެ.
މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ކައިލް ވޯކާ ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން އޭރިއާ ބޭރުގައި ހުރެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޝެފީލްޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ޓީމުން ވަނީ ބަދަލުތަކާއެކު ނުކުމެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ނަތީޖާ އެއްވަރުކުރުމަށް ޝެފީލްޑަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުންއެރި ޖޯން ލަންޑްސްޓްރަމްއަށެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި މި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ، ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި މޮޅާއެކު ސިޓީ އޮތީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިިންޓާއެކު ތާވަލުގެ އަަށްވަނައިގައެވެ. މިއީ ލީގުގައި އެ ޓީމު ހޯދި ތިންވަނަ މޮޅެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ ރެލިގޭޝަން ޒޯނުގެ ތެރޭގައެވެ. އެ ޓީމު މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނީ 1 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް