"ފަސްކުރި" ކަންނެލި ދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރި މައްސަލައިގަ ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލުމުން އެ މައްސަލަ އިސްތިއުނާފުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ފުލުހުން ނިންމައިފި އެވެ.
މިދިޔ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ ލ. ގަން ކައިރީގައި އެންދަމަށް އޮތް މި ދޯންޏަށް އެރި ގްރޫޕުން އަންގާފައިވަނީ ދޯނި ގަމު ފަޅަށް ވެއްދުމަށެވެ. އެ މައްސަލައިގަ ތޫނު ހަތިޔާރާއި އެކު ދޯންޏަށް އެރި 16 މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ ހުރިހާ ފަރާތެއް ހިމަނައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ ފުލުހުން މި މައްސަލައިގަ އަމަލު ކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ފަރާތެއް ހުރި ނަމަ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ ގްރޫޕު އެދޯންޏަށް އެރީ ވެރި ފަރާތުން އަންގައިގެން ކަމަށްވެ އެވެ. ވެރިފަރާތުން އެ ދޯންޏަށް ތޫނު ހަތިޔާރާއި އެކު ބަޔަކު ފޮނުވީ ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސައިންއަށް ޖާބިރުގެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށްވެ އެވެ.
އިދުރީސް މީޑިއާގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޖާބިރުގެ ކުންފުންޏަށް އެ ދޯނި ވިއްކީ ހަތް މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމަކު އެ ކުންފުނިން މިހާތަނަށް އިރުދީސްއަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގަ ރިޗް ކްލަބް މޯލްޑިވްސް އާއި ދެކޮޅަށް އިދުރީސް ގަމު މެޖިސްޓްރޭޓް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިއެވެ. އަދި އިއްޔެ ކޯޓުން ވަނީ އެ މައްސަލައިގަ ވަކިގޮތެއް ނިމެންދެން ދޯނި އިދުރީސް އާއި ހަވާލު ކުރުމަށް ވަގުތީ އަމުރެއް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް