އިންޑިއާއިން މޯލްޑިވިއަންގެ އެހީ ހޯދުމަކީ ވައިގެ އުދުހުންތަކަށް ލިބުނު ކުރިއެރުމެއް: ރިޒްވީ

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް މޯލްޑިވިއަންގެ އެހީތެރިކަން ހޯދުމަކީ ވައިގެ އުދުހުންތަކަށް ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަ...

31 Oct 2020 | 09:34

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް މޯލްޑިވިއަންގެ އެހީތެރިކަން ހޯދުމަކީ ވައިގެ އުދުހުންތަކަށް ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރިޒްވީ މިހެން ވިދާޅުވީ އިންޑިއާގެ ސްޕައިސްޖެޓް ކުންފުނިން އެ ގައުމުގެ ސަރުކާރާއި ގުޅިގެން ސީޕްލޭންގެ ހިދުމަތް ތައާރަފު ކުރުމަށް މޯލްޑިވިއަންގެ އެހީތެރިކަން ހޯދުމުންނެވެ. އެ ކުންފުނިން އިންޑިއާގައި ސީޕްލޭންގެ ދަތުރުތައް ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓާކޮށްފައި އެވެ.

ރިޒްވީ ވިދާޅުވީ މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށެވެ. ރިޒްވީ ވިދާޅުވީ ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބިގެންދާނެކަމެއް ކަމަށެވެ.

އެ ފުރުސަތުތައް މިހާރުވެއް ފަހިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސްޕައިސްޖެޓްގެ މިދަތުރުގެ އިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާކަމަށް ރިޒްވީ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ އިންޑިއާގެ ސީޕްލޭން ދަތުރުތައް ފެށުމަށް ކުރި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވަޑައިގެންނެވުމަކީ ދެގައުމަށް ލިބުނު މޮޅެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ބޮޑުބައި ކަނޑު ހިމެނޭ ގައުމެއްގައި ހޯދާފައިވާ ތަޖުރިބާއަށް ބޮޑެތި ގައުމުތަކުން އިހުތިރާމު ކުރާކަން މިދަތުރުން އެނގިގެން ދިއުމަކީ ލިބުނު ފަހުރެއް ކަމަށް ވިދާޅުވި އެވެ.

ރިޒްވީ ވަނީ އެ ދަތުރުގެ ކަންކަމަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައި އެވެ. އަދި ކޯވިޑްގެ ހާލަތުން އަރައިގެ އުންމީދީ މުސްތަގުބަލެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް