ތުރުކީ ހުޅަނގު އައްސޭރީގައިވާ އެޖިއަން ކަނޑަށް ރެކްޓަ މިންގަނޑުން 6.6 ގެ ބާރުމިނުގައި އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި އެވެ.
ބިން ހެލުމުގެ އަސަރު ކޮށްފައިވަނީ އެ ގައުމުގެ އިޒްމީރް ސިޓީއަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ބިންހެލުމުގެ އަސަރު ފަތުރުވެރިންގެ މެދުގައި މަގުބޫލު ގްރީކްގެ ސަމޯން އައިލެންޑަށްވެސް ކޮށްފައިވެ އެވެ.
ބިންހެލުމާއި ގުޅިގެން ސަމޯން އައިލެންޑަށް ސުނާމީގެ އިންޒާރު ދިން ނަމަވެސް ބިން ހެލުމާއި އެކު ސުނާމީ އަރާފައިވަނީ އިޒްމީރް ސިޓީއަށް އެކަންޏެވެ. މި ބިންހެލުމުގައި އިޒްމީރް ސިޓީގެ ގިނަ އިމާރާތްތަކަށް ލޮޅު އެރިނަމަވެސް ބިމާއި ހަމަވެފައިވަނީ 20 އިމާރާތެކެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމާތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު 26 އަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރާއިރު ބިންހެލުމުގައި އިމާރާތްތައް ވެއްޓި ޒަހަމްވި މީހުންގެ އަދަދު ވަނީ 779 އަށް އަރާފައި އެވެ.
އިމާރާތްތަކުގެ ދަށުން މީހުން ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 13 އިމާރާތެއްގެ ދަށުން ދިރިހުއްޓައި 70 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށްވެ އެވެ.
ތުރުކީގައި ތިންވަނައަށް އެންމެ ބޮޑު ސިޓީއަކީ އިޒްމީރެވެ. އެސިޓީގައި 4.5 މިލިޔަން މީހުންގެ އާބާދީއެއް އޮވެއެވެ.
މި ބިންހެލުމުގެ އަސަރު ކޮށްފައިވާ ތުރުކީގެ އެހެން ސިޓީތަކުގެ ތެރޭގައި އުޝާކް، ޑެނިޒްލީ، މަނީސާ، ބެލިކަސީރް، އަދި މުގްލާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް