ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 50 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އިމާދު ވިދާޅުވީ، ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުންކަމަށެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ލޮޅުމެއް ކުރިމަތިވެ، އާމްދަނީ ލިބުން ދަށްވެފައިވާކަމަށެވެ.
އިމާދު ވިދާޅުވީ ދުނިޔޭގެ އެހެންގައުމުތަކުގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކާއި ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް މަދުކަމަށެވެ. އަދި މިހާރު ފެންނަ ހިސާބުތަކާއި މަންޒަރަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އާމްދަނީ 50 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭކަމަށް އިމާދު ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރު މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 15 ވަނަ ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލާފައިވާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ ހީކުރިވަރަށްވުރެ ދަށްކޮށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް