މުޒާހަރާއާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅުގައި ހިމެނޭ މައި ދެ ޕާޓީ ޕީޕީއެމް/ ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. މި ޖޫރިމަނާ ކޮށްފައިވަނީ ދެ ޕާޓި ވަކިވަކިންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ޕ...

31 Aug 2020 | 10:39

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅުގައި ހިމެނޭ މައި ދެ ޕާޓީ ޕީޕީއެމް/ ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މި ޖޫރިމަނާ ކޮށްފައިވަނީ ދެ ޕާޓި ވަކިވަކިންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ޕާޓީ ޖޫރިމަނާ ކުރީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި ތަކުރާރުކޮށް ހިލާފުވެފައިވާތީ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޕީޕީއެމް އާއި ޕީއެންސީ ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނާއި އާންމު ސިއްހަތުރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން އަޅާފައިވާ ގައިޑްލައިނާއި ހިލާފުވެފައި ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި މިހާރު އޮތީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. މި މުއްދަތުގެ ތެރޭގައި މާލޭ ސިޓީގައި ފަސް މީހުންނަށް ވުރެ ގިނައިން އެއް ތަނަކަށް މީހުން އެއްވުން އޮތީ މަނާކޮށްފައި އެވެ.

އަދި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި އާންމު ތަންތަނުގައި މާސްކު އެޅުން މާލޭގައި އޮތީ މަޖުބޫރުކޮށްފައި އެވެ. އެކަމަކު ޕީޕީއެމް/ ޕީއެންސީގެ މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި ތޮއްޖެހިގެން ތިބިތަން ވަނީ ފެނިފައި އެވެ.

https://twitter.com/ElectionsMv/status/1300365898914697216

އެ މުޒާހަރާގައި މާސްކު ނާޅައި އިޖްތިމާއީ ގައިދުރުކަން ބަހައްޓާފައި ނުވާތީ ފުލުހުންވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އެގޮތުން ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ވަނީ ފަށާފައި އެވެ.

މިހާތަނަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނިވަޑައިގެންނަވަ އެވެ. މީގެ ތެރެއިން ޝުޖާއު ވަނީ މާސްކު ނާޅައި އާންމު ތަންތަނުގައި އުޅުއްވާފައިވާތީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް