މިފްކޯގެ ހިންގުމަށް ސަރުކާރުން މިހާރު އެއްވެސް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ނުޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، މީގެކުރިން ސަރުކާރުން މިފްކޯ ހިންގުމަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު މިފްކޯއަށް ދައުލަތުން މާލީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަމަށެވެ.
"މިފްކޯއަށް މަސް ގަންނަން ދައުލަތުން ޚަރަދު ކުރައްވާ އެކަމަކު މިއަހަރަކު ދައުލަތަކުން މިފްކޯއަކަށް އެއްވެސް ފައިސާއެއް ނުދޭ. މިފްކޯއިން އަމިއްލައަށް ކަންކަން މެނޭޖް ކުރަނީ" ޒަހާ ވިދާޅުވިއެވެ.
މިފްކޯއާއި ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޒަހާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކާއި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކާ އަޅާކިޔާއިރު، އެކުންފުނިން މަސް ގަންނަނީ ގެއްލުމުގައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 12 މަސްދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިފްކޯއިން މަސް ގަންނަމުން އަންނަނީ ކޮންމެ ކިލޯއަކުން 3 ރުފިޔާ ނުވަތަ 4 ރުފިޔާގެ ގެއްލުމުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިފްކޯއާ ގުޅިގެން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުރިއިރު ވަކިން ހާއްސަކޮށް މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އިންތިހާއަށް ގިނަ ކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިފްކޯއަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވުމުގައި ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ.
މިފްކޯ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެކުންފުނި ޕްރައިވެޓައިޒް ކުރެއްވުމުގެ ވިސްނުން ހުރިތޯ މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ރައްޔިތުންނާ އެހާ ގުޅުންހުރި ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް