ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ މިއަދު އޮންލައިންކޮށް ބޭއްވުނު އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާ އާއި ކޮވިޑްގެ ބަލިމަޑުކަމަށް ބޭންކުގެ އަވަސް އިޖާބައަށް އަލިއަޅުއްވާލައްވައި މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ކޮށްފައިވާ އަސަރާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޓިމް ވަނީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ދިވެހި ބޭންކް އޮންނާނީ ދިވެހިންނާއެކުގައިކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ދެއްވާފައެވެ.
" މިދިޔަ އަހަރު ހަރުދަނާ ނަތީޖާއެއް ހޯދުނުކަމުގައިވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅުގަނޑުމެންނަށް މިއަދު މިވަނީ ވަރަށް ނޭދެވޭ އަސަރުކޮށްފަ. ކުރިން އަންދާޒާ ނުކުރެވޭ މިފަދަ ބޮޑު ލޮޅުމެއް ވިޔަފާރިތަކަށް ލިބިގެންދިޔުމާއެކު ބޭންކުގެ އާމްދަނީއަށް މިވަނީ ވަރަށް ބޮޑު އަސަރެއްކޮށްފަ. އަދި 2019 ވަނަ އަހަރު ހޯދި ކާމިޔާބީ ދެމެހެއްޓެމުން ނުދާކަން ފާހަގަކުރަން." އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ހޯދާފައިވާ ފައިދާ އާއި ބޭންކުގެ ރައުސުލްމާލު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައިވާތީ ކޮވިޑް ގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުއްވާލަމުން ޓިމް ވިދާޅުވީ "މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެއް ކަމުގައި އުފަލާއެކު ފާހަގަ ކުރަން. ބޭންކުގެ ހިންގުމުގެ ފައިދާ މިވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު %9 އިތުރުވެ، 1.7 ބިލިއަނަށް އަރާފަ. ކުރިންވެސް ލަފާ ކުރެވުނު ފަދައިން ޓެކްސްއަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ ވަނީ %5 ދަށްވެފަ. މިގޮތަށް ދަށްވެފައިވަނީ ޕްރޮވިޝަން ޗާޖު އިތުރުވުމުގެ ސަބަބުން. ބޭންކުގެ ޖުމްލަ އެސެޓްސްްއަށް ވަނީ 3.3 ބިލިއަން އިތުރުވެފަ. މިއީ %14 ގެ ކުރިއެރުމެއް. ބޭންކުގެ ރައުސުލްމާލު މިވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ. މިގޮތުން ރައުސުލްމާލުގެ ފުދުންތެރިކަންހުރީ %40 އަށް ވުރެ މަތީގަ. މިއީ ޤާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ މަތީ އަދަދެއް. މިދިޔަ އަހަރުގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފަހްރުވެރިކަމާއެކު ފާހަގަކޮށްލާނީ 15,000 އަށް ވުރެ ގިނަ ކަސްޓަމަރުން 2019 ވަނަ އަހަރު ބޭންކާ ގުޅިފައިވާކަން."
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިޔަފާރިތަކަށް ބޭނުންވާ ބިޒްނަސް އެޑްވައިޒަރީ ހިދުމަތްދިނުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެކިކަންކަމަށް ހައްލު ހޯދައިދިނުމުގެ މަގްސަދުގައި އައްޑޫ، މާލެ އަދި ހުޅުމާލޭގައި މިދިޔަ އަހަރު މިވަނީ ބިޒްނަސް ސެންޓަރުތައް ގާއިމްކޮށްފައެވެ. މިދިޔަ އަހަރު ބޭންކުން ވަނީ މާސްޓަރކާޑް އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑެއް ތަޢާރާފްކޮށްފައެވެ. އަދި އީކޮމާސް ޕްލެޓްފޯމްތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕޭމަންޓް ގޭޓްވޭ ހިދުމަތަށް ނަގާ ފީ އަށްވެސް ވަނީރަނގަޅު ބަދަލުތަކެއް ގެނެސްފައިވެއެވެ. 2019 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ފުޅާކުރުމުގެ ގޮތުން މާލޭގައި ބީއެމްއެލް އިސްލާމިކްގެ އައު ހެޑް ކުއާޓާޒް ވަނީ ހުޅުވާފައެވެ. އަލަށް ތައާރަފްކުރެވުނު ޕްރޮޑަކްޓްތަކާއެކު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންގެ އަދަދު މިވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ.
2019 ވަނަ އަހަރުވެގެން ގޮސްފައިވަނީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރަކަށް. މަރޗަންޓް ޕޯޓަލް އާއި މޮބައިލް ޕޮއިންޓް އޮފް ސޭލް ސޮލިއުޝަން ތައާރަފްކުރެވުނީ ސްމާޓް ފޯނެއް ބޭނުންކޮށްގެން ވިޔަފާރިތަކަށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނޭ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ. ކިޔުއާރް ކޯޑް ޕޭމަންޓް ތައާރަފްކުރެވިގެން ދިޔައިރު ޕީއޯއެސް ވިއުގަ ތަރައްގީކޮށް، ޕީއޯއެސް ޓަރމިނަލްތަކުން ހުރިހާ ވައްތަރެއްގެ ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު 140 ސީއެސްއާރު ހަރަކާތަކަށް ބޭންކުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ 10 ސްކޫލެއްގައި އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ އިތުރުން ހިންގާ ކްލާސް ރޫމްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެގޮތުން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާ ކުރެވުނެވެ.
ބޭންކުން ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ޓިމް ވިދާޅުވީ " ފާއިތުވެގެން މިދިޔަ މަސްތަކުގައި މި ބަލިމަޑުކަމާ ގުޅިގެން ކްރެޑިޓް ރިސްކް މެނޭޖްކުރުމަށާއި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ އެކި ފިޔަވަޅުތައް އަޅާފަ. ޑޮލަރ ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ޔޫއެސް ޑޮލަރ ފެސިލިޓީއެއް މިވަނީ ހަމަޖެހިފަ. އަދި ދާދި ފަހުން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބޭންކަށް 50 މިލިއަން ޑޮލަރާހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަން މިވަނީ ހާމަކޮށްފަ. މި ދެ ފެސިލިޓީއިން މިފަދަ ދަނޑިވަޅެއްގައި ރިސޯޓްތަކާއި ކުދިވިޔަފާރިތަކުގެ ހިންގުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ ލިކިއުޑިޓީ ހިފެހެއްޓުމުގެ ގޮތުން ބޭންކަށްވެސް އުނދަގޫ ނިންމުތަކެއް ނިންމައި، އެ ވަގުތަކަށް ލިބެންހުރި ޑޮލަރުގެ މިންވަރަކަށް ބަލައި ރާއްޖެއަށް އަސާސީ މުދާ ގެނައުމަށާއި މުހިންމު ޓީޓީތައް ހެދުމަށް އިސްކަންދެވޭނެ." އެމްއެމްއޭ އިންވެސް މިކަމަށް އިޝާރާތްކޮށް، ދާދި ފަހުން އެ އިދާރާއިން ޝާއިއުކުރި ކުއާޓަރލީ ބުލެޓިންގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި މިވަގުތު ހުރި ޑޮލަރުގެ ރިޒާވް ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ހޭދަކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް