ވަޒީފާގައި ބައިތިއްބަން ޖެހޭ ދިވެހިންގެ ނިސްބަތް 60 ޕަސެންޓަށް ހެދުމަށް ގާނޫނުގައި ހިމަނަން ހުށަހަޅައިފިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.
އަލީ ހުސައިން ވަނީ އެ އިސްލާހުގެ އިތުރުން ބައެއް އިތުރު ކަންތައްތައްވެސް އިސްލާހުގައި ހިމަނާފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ، ގާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅުއްވަން ޖެހޭނެ އެވެ.
އޭނާ ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، އެ ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެ ލަފާގައި ސިނާއަތްތަކަށް ވަކީން މިނިމަމް ވޭޖް ކަނޑައަޅާނަމަ އެކަން ތަފްސީލުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ދެހާސް ބާރަވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާ އޮތް ގޮތުން ކޮންމެ ރިސޯޓަކުން ވެސް ވަޒީފާގައި ދިވެހިންގެ 45 ޕަސަންޓު މުވައްޒަފުން ހިމެނުމަކީ މަޖުބޫރު ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ޕަސަންޓަކީ 55 އެވެ.
ނަމަވެސް އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަސް އަންނަންވާ އިރަށް، ރިސޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް 51 ޕަސެންޓަށް ހެދުމަށް ސާކިއުލާ އިސްލާހު ކުރާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
އަލީ ހުސެއިން އިތުރު އިސްލާހެއް ގެނެސްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ ވަޒީފާގެ (ވ) އަށެވެ. އެ މާއްދާގައި މިހާރު ބުނަނީ ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެ މަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނެ ކަމަށެވެ. ނަމަވެސް އަލީ ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް