ތިން ވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ދަށްވާނެ: އެމްއެމްއޭ

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ވާނެ ކަމަށާއި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުކަޒީ ބޭންކ...

31 Jul 2020 | 10:39

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ވާނެ ކަމަށާއި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.

އެމްއެމްއޭ އިން އިއްޔެ ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، ވިޔަފާރިތައް ދަށްވީ މިދިޔަ މާޗު 7 ގައި ރާއްޖެ އިން ފެނުނު ކޮވިޑް-19 ގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު، ދެވަނަ ކުއާޓަރުގައި މި ސިނާއަތްތަކުގެ ވިޔަފާރި މީގެ ކުރިން ދަށަށް ނުދާ މިންވަރަށް ދަށްވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ކުރިއާލައި ދެނެގަނެ ކުރިމަގުގައި އަންނާނެ ބަދަލުތައް ހޯދުމަކީ ވެސް ދަތިކަމެއް ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި، މިހާރު ހިނގަމުން މިދާ ތިންވަނަ ކުއާޓަރުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތަކުގެ ހާލަތު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ކުރިމަގަށް ބަލާ އިރު، ޖޫން މަހުން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާއި މި މަހުގެ މެދުތެރޭގައި ރާއްޖޭގައި ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، ތިން ވަނަ ކުއާޓަރުގައި ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ވިޔަފާރިތަކުން ލަފާ ކުރާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމުން އެ ކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރުމަކީވެސް ހަމައެހާމެ ދަތި އުނދަގޫ ކަމެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގެ އިގްތިސޯދު އިންތިހާ އަށް ދަށަށް ގޮސް ހުރިހާ ވިޔަފާރިތަކަށް ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް