ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް ތައްޔާރު ވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް މީހުން އެތެރެވުން އޮތީ މަނާކޮށްފައި އެވެ. ބޯޑަރު އަލުން ހުޅުވައި ހުރިހާ ގައުމުތަކަކަށް ރާއްޖެ ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މޯލްޑިވިއަންއިން ބުނީ ޑާކާއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު ހަތަރު ވަނަ ދުވަހު ކަމަށެވެ. ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދަތުރުތައް ބާއްވަނީ އަންގާރަ އަދި ހުކުރު ދުވަހު އެވެ.
ޑާކާއިން ރާއްޖެ އަންނަ މީހުން އަތުގައި 72 ގަޑިއިރު ހަމަނުވާ ހެލްތް ސެންޓަރަކުން ދޫކޮށްފައިވާ ކޯވިޑަށް ޓެސްޓުކޮށްފައިވާ ނެގެޓިވް ނަތީޖާ ރިޕޯޓެއް އޮންނަން ވާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. އަދި އެ ރިޕޯޓު ޗެކިން ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެ އެވެ.
މޯލްޑިވިއަންއިން ޑާކާ ދަތުރުގެ އެއްކޮޅު ޓިކެޓު ވިއްކަނީ 433 ޑޮލަރަށެވެ. މޯލްޑިވިއަން އިން ޑާކާއަށް ޝެޑިއުލް ދަތުރުތައް ކުރާތާ ހަ އަހަރު ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް