ރާއްޖެއިން ދިޔަ ލަންކާގެ ތިން މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން ސްރީލަންކާއަށް ދިޔަ ތިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ސްރީލަންކާގެ ސަރުކާރާއި ހަވާލާދީ އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އެގައުމުގައި އަލަށް 62 މީހަކު ކ...

31 May 2020 | 18:01

ރާއްޖެއިން ސްރީލަންކާއަށް ދިޔަ ތިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ސްރީލަންކާގެ ސަރުކާރާއި ހަވާލާދީ އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އެގައުމުގައި އަލަށް 62 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 25 މީހުންނަކީ އެގައުމުގެ ނޭވީ ކޭމްޕަކުން ޕޮސިޓިވްވި މީހުން ކަމަށާއި އަނެއް 37 މީހުން ނަކީ ބޭރު ގައުމުތަކުން އަނބުރާ ލަންކާއަށް ގެންދިޔަ މީހުން ކަމަށެވެ.

ގައުމަށް އަނބުރާ ގެންދިޔަ 37 މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ރާއްޖެއިން ދިޔަ ތިން މީހެކެވެ. ދެން ތިބި އެންމެންނަކީ ކުވައިތާއި ގަތަރުން އަނބުރާ ލަންކާއަށް ގެންދިޔަ މީހުން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެކަމަކު އެންއީއޯސީން ބުނީ ރާއްޖެއިން ދިޔަ ލަންކާ ބަޔަކު ޕޮސިޓިވްވި ކަން އެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.

މިހާތަނަށް ލަންކާއިން 1،620 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި 10 މީހަކު ވައިރަހުގައި މަރުވެފައިވެއެވެ. ބަލިން 700 އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ނުވަ މީހަކަށް ޕޮސިޓިވްވެގެން ދަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އެތައް ގައުމެއްގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ގައުމުތަކުން ދަނީ ކުރަމުންނެވެ. އެކަމަކު މިހާތަނަށް ލަންކާގެ އިތުރުން ރާއްޖެއިން ދިޔަ ބަޔަކު ޕޮސިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާގޮތުން މިހާތަނަށް އެ ގައުމަށް ގެންދިޔަ އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ. އެކަމަކު އިންޑިއާގެ ކަމާ ބެހޭ އިދާރާތަކާއި ހަވާލާދީ ދިވެހި ސަރުކާރުން ބުނީ ރާއްޖެއިން އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ތިން މީހަކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް