މާކަސް ޓްރާމްގެ މި ސެލެބްރޭޝަނުން ބުނެދެނީ ކީކޭ؟

ބުންޑަސްލީގާގައި ރޭ މޮންޗެން ގްލަޑްބެކް އާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗުގައި، ގްލަޑްބެކްގެ ހުނަރުވެރި ފޯވާޑް މާކަސް ޓްރާމް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރީ ކުރިން އުފާފާޅުކުރާ ގޮތާ ތަފާތުކޮށެވެ. ...

31 May 2020 | 17:47

ބުންޑަސްލީގާގައި ރޭ މޮންޗެން ގްލަޑްބެކް އާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗުގައި، ގްލަޑްބެކްގެ ހުނަރުވެރި ފޯވާޑް މާކަސް ޓްރާމް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރީ ކުރިން އުފާފާޅުކުރާ ގޮތާ ތަފާތުކޮށެވެ. ލަނޑު ޖެހުމަށްފަހު ޓްރާމް ވަނީ އެއް ކަކޫ މައްޗަށް ތިރިވެފައެވެ. ކަނާތު ފައިގެ ކަކޫ މަތީގައި ހުރަހަށް ކަނާތް ބާއްވަމުން، ވާތު ކަކޫ ބިންމަތީގައި ޖައްސާ ކަކޫ މައްޗަށް ތިރިވެ އިސްޖަހާލިއިރު، ޓްރާމްގެ މި ސެލެބްރޭޝަން ބަލަން ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކާއި، ފުޓްބޯޅަ އެނަލިސްޓުންނަށް ވެސް ނެގުނީ އެއް މާނައެކެވެ.

އެމެރިކާގެ މިނިއާސޮޓާގެ މައި ޝަހަރު މިނިއާޕޮލިސް ގައި ދާދި ފަހުން ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި ޖޯޖް ފްލޮއިޑްގެ މަރާއެކު އެމެރިކާގައި ގެއްލުން ބޮޑު، ވަރުގަދަ މުޒާހަރާތަކެއް ހިނގަމުން އަންނައިރު، އަދި ނަސްލީ ތަފާތު ކުރުން ނައްތާލުމަށް ގޮވާލަމުން އަންނައިރު، މާކަސް ޓްރާމްގެ މި ސެލެބްރޭޝަން އަކީ އެ ގޮވާލުންތަކަށް ހިއްވަރުދިނުމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިދިޔަ ހޯމަ ދުވަހު، އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހެއްކަމަށްވާ ޑެރެކް ޗައުވިން ވަނީ ފްލޮއިޑް ބިންމައްޗަށް ވައްޓާލާ ބާއްވައިގެން ކަކުލުން ކަރަށް އަރައިފަ އެވެ. ފްލޮއިޑް މަރުވުމުގެ ކުރިން އޭނާ ތަކުރާރުކޮށް ވަނީ، ނޭވާ ނުލެވޭ ކަމަށާއި ހާސްވެގެން މަރުވަނީކަމަށް ގޮވާފައެވެ. ފޭކް ނޫޓުތަކެއް ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުން ފްލޮއިޑް މަރާލި ހާދިސާގެ ވީޑިޔޯ އާންމުވެ، ޑެރެކް ޗައުވިން ސަސްޕެންޑްކޮށް އަދި މީހަކު ގަސްތުގާ މެރުމުގެ ތުހުމަތު ވެސް އުފުލާފައިވިޔަސް، އެމެރިކާގެ އެކި ސިޓީތަކުގައި އަދިވެސް އަންނަނީ މެދުނުކެނޑި މުޒާހަރާ ކުރަމުންނެވެ.

އެމެރިކާގައި މީގެ ކުރިން ވެސް ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް މިފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާއިރު، މިއީ ނަސްލީ ތަފާތު ކުރުމެއްކަމަށްބުނެ، ނަސްލީ ތަފާތުކުރުން ނައްތާލުމަށް މުޅި ދުނިޔެ ދަނީ ގޮވާލަމުންނެވެ. މި ދަނޑިވަޅުގައި ފުޓްބޯޅަ ކުޅުންތެރިއެއްގެ ފަރާތުން ވެސް ހިތްވަރު ދިނުމުގެ ޢަމަލެއް ފެނުމުން ގިނަ ބަޔަކު މީސްމީޑިޔާގައި މާކަސް ޓްރާމްއަށް އަންނަނީ ތަޢުރީފު ކުރަމުންނެވެ.

ރޭގެ މެޗު 4-1 އިން ގްލަޑްބެކް ކާމިޔާބު ކުރިއިރު، މި ސީޒަންގައި ގިނަ ބަޔަކަށް ހައިރާންކަން ދެމުން އަންނަ އެ ޓީމު މި ވަގުތު އޮތީ ބުންޑަސްލީގާގެ 3 ވަނައިގައެވެ. ރޭގެ މެޗުގައި ޖެހި ލަނޑަށްފަހު ތަފާތު ގޮތަކަށް ސެލެބްރޭޓްކޮށް ސަމާލުކަން ހޯދި ޓްރާމް ވަނީ މި ސީޒަންގައި 14 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް