ޕީކަށް ދާނެ ކަމަށް ލަފާ ކުރި ދުވަހު ޕޮސިޓިވްވީ 101 މީހަކު

މިއަދު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 101 މީހަކު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މިއަދަކީ ރާއްޖޭގައި ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށިފަހުން ޕީ...

31 May 2020 | 17:14

މިއަދު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 101 މީހަކު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިއަދަކީ ރާއްޖޭގައި ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށިފަހުން ޕީޕަކަށް ދާނެ ކަމަށް ލަފާކޮށްފައިވާ ދުވަހެވެ. ކުރިން އަންދާޒާ ކޮށްފައިވަނީ ރަނގަޅަށް ޓެސްޓު ކުރުމުގެ އިންތިޒާމެއް ހަމަޖެހިފައި ހުރި ނަމަ މިއަދު 1،600 މީހުން ޕޮސިޓިވް ވާނެ ކަމަށެވެ.

އެކަމަކު މާލޭގެ ލޮކްޑައުނަށް ލުއިދޭން ނިންމީ މިފަހަކުން ވައިރަހަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އެވެ. އެހެންވެ ފަހުން ވަނީ ކުރިން އަންދާޒާ ކުރި ވަރަށް މިއަދު ޕޮސިޓިވް ނުވާނެ ކަމަށްވެސް ލަފާ ކޮށްފައި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އާންމުކޮށް 60 އަށް ވުރެ ދަށުގައި ޕޮސިޓިވް ކޭސްތަކުގެ އަދަދު ހުރުމަށް ފަހު އިއްޔެ އާއި މިއަދު ޕޮސިޓިވް ކޭސްތައް އިތުރުވެފައިވަނީ މާލޭގެ ލޮކްޑައުނަށް ލުއި ދިނުމުން ނޫންކަމަށެވެ. އިއްޔެ ކޯވިޑަށް 78 މީހަކު ޕޮސިޓިވް ވެފައިވެ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން އެއްވެސް ކްލަސްޓާ އަކާއި ގުޅުން ނެތް ހިމެނެނީ އެންމެ ދެމީހުން ކަމަށެވެ. އެހެން ހުރިހާ ކޭސްތަކަކީ ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުން ކަމަށާއި އޭގެ ތެރެއިން އެއް ކްލަސްޓާ އަކާއި ގުޅުން ހުރި 72 މީހަކުވެސް ހިމެނޭ ކަމަށެވެ.

ކޯވިޓަށް ޓެސްޓުކޮށް މިއަދު ނަތީޖާ ލިބިފައިވަނީ 678 ސާމްޕަލްގެ އެވެ. 101 މީހަކީ އެ ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވެފައިވާ މީހުންނެވެ. އެއީ ނަތީޖާ ލިބުނު 14 ޕަސެންޓު މީހުންނެވެ.

މިހާރު ރާއްޖޭގައި ތިން ލެބޯޓަރީއަކުން ކޯވިޑަށް ޓެސްޓު ކުރަމުން އެބަދެ އެވެ. އެއީ ފުލުހުންގެ ފޮރެންސިކް ލެބޯޓަރީ އާއި އައިޖީއެމްއެޗް ލެބޯޓަރީ އަދި އޭޑީކޭ ހޮސްޕިޓަލްގެ ލެބޯޓަރީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް