ތިން ރަށެއްގައި އެމްޑަބްލިއުއެސްސީން ދެމުންދިޔަ ހިދުމަތް އާންމު ހާލަތަށް ގެނެސްފި

ކުޅުދުއްފުށީ ސިޓީ، ރ. ދުވާފަރު އަދި ކ. މާފުށީގައި އެމްޑަބްލިއުއެސްސީން ދެމުންދިޔަ ފެނުގެ ހިދުމަތް އާންމު ހާލަތަށް ގެނެސްފި އެވެ. މާލެއާއި އެކު އެ ތިން ރަށުގައި އެ ކުންފުނިން ދެމުންދިޔަ އާންމު ހިދުމަތް...

31 May 2020 | 16:16

ކުޅުދުއްފުށީ ސިޓީ، ރ. ދުވާފަރު އަދި ކ. މާފުށީގައި އެމްޑަބްލިއުއެސްސީން ދެމުންދިޔަ ފެނުގެ ހިދުމަތް އާންމު ހާލަތަށް ގެނެސްފި އެވެ.

މާލެއާއި އެކު އެ ތިން ރަށުގައި އެ ކުންފުނިން ދެމުންދިޔަ އާންމު ހިދުމަތްތައް މެދުކަނޑާލީ ކޯޥިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނެގުމާއި އަލަށް ފެން ގުޅައިދިނުމުގެ ހިދުމަތްތައް ފަދަ މުވައްޒަފުން ބަލީގެ ނުރައްކަލަށް ހުށަހެޅިގެން ކުރަން ޖެހޭ މަސައްކަތްތައް އޮތީ މެދު ކަނޑާލާފައި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ތިން ރަށުގައި އާންމު އުސޫލުން ހިދުމަތް ދޭން ފެށީ މާލޭގެ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާތީ އެވެ. އަދި އެ ރަށްތައް އާންމު ހާލަތަށް ގެނެސްފައިވާތީ އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ނުރައްކަލެއް ނެތުމުންނެވެ.

މި ތިން ރަށުގެ ހިދުމަތަށް އިތުރަށް ބަދަލެއް ގެންނާނީ ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އެންގުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ތިން ރަށުގެ ހިދުމަތް އާއްމު ހާލަތަށް ގެނައި ނަމަވެސް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ގެންނަން އަދި ނިންމާފައި ނުވާކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް