ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އިތުރު މަނަވަރެއް ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު މީހުން ބަލާ އަންނަ މަނަވަރު އެ ގައުމުން މާދަމާ ފުރާނެ ކަމަށެވެ. މިދަތުރު ކުރަނީ ކުރިންވެސް ރާއްޖޭގައި ތިބި މީހުން ގެންދިޔަ އައިއެންއެސް ޖަލަޝްވާ ގައި އެވެ.
މި ދަތުރުގައި ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ700 މީހުން އަނބުރާ ދާނެ އެވެ. ހައި ކޮމިޝަނުން ބުނީ އެ ދަތުރުގައި ފޮނުވާލާ މީހުން ކަނޑައޅަމުންދާ ކަމަށެވެ. އަދި އިތުރު ފަރާތްތަކުން ދާން ބޭނުންވާ ނަމަ ހައި ކޮމިޝަނާއި ގުޅައިގެން ޖާގަ ހަމަޖެއްސުމަށް އެދިފައިވެ އެވެ.
އައިއެންއެސް ޖަލަޝްވާއިން ގައުމުން ބޭރުގައި ކޯވިޑް-19 އާއި ގުޅިގެން ތާށިވެފައި ތިބި1،400 މީހުން އަނބުރާ ގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެއިން ގެންދާ700 މީހުންނާއި ސްރީލަންކާއިން ގެންދާ700 މީހުންނެވެ.
މި އެންމެން ގެންދަން ހަމަޖެހިފައިވަނީ ޓަމިލް ނާޑޫގެ ޓުޓިކޮރިން ބަނދަރަަށެވެ. މި ދަތުރުގައި ރާއްޖެއިން މަނަވަރު ފުރުމަށް ހަމަޖެހިފައިވަނީ ޖޫން ފަސްވަނަ ދުވަހު އެވެ.
މިއީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން ކަނޑުމަގުން ބާއްވާނެ ހަތަރު ވަނަ ދަތުރެވެ. މީގެ ކުރިން1،400 އެއްހާ މީހުން އަނބުރާ ގައުމަށް ގެންގޮސްފައިވާއިރު ވައިގެ މަގުން153 މީހަކު ގެންގޮސްފައިވެ އެވެ.
ރާއްޖޭގައި30،000 އެއްހާއި އިންޑިއާ މީހުން މަސައްކަތް ކުރާއިރު އަނބުރާ ގައުމަށް ދާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ނުހިމެނޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު ދީފައިވަނީ މާބަނޑު މުވައްޒަފުންނާއި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަން ޖެހޭ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް