މަލިކު ކައިރީގައިވާ ލޯ ޕްރެޝަރު، ތޫފާނަކަށް ބަދަލުވެދާނެ ކަމަށް އަންދާޒާކޮށްފި

މަލިކު ހިމެނޭ ލަކްޝަދްވީޕް ސަރަހައްދުގައި ލޯ ޕްރެޝަރެއް އުފެދި އެ ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެދާނެ ކަމުގައި އިންޑިއާގެ މެޓް އޮފީހުން އަންދާޒާ ކޮށްފިއެވެ. އެގޮތުން އިންޑިއާގެ މީޓިއޮރޮލިކަލް ޑިޕާޓްމެ...

31 May 2020 | 09:49

މަލިކު ހިމެނޭ ލަކްޝަދްވީޕް ސަރަހައްދުގައި ލޯ ޕްރެޝަރެއް އުފެދި އެ ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެދާނެ ކަމުގައި އިންޑިއާގެ މެޓް އޮފީހުން އަންދާޒާ ކޮށްފިއެވެ.

އެގޮތުން އިންޑިއާގެ މީޓިއޮރޮލިކަލް ޑިޕާޓްމެންޓުން ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވަނީ އަރަބި ކަނޑުގައި ލަކްޝަދްވީޕް ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތުފާނަކަށް ބަދަލުވެދާނެ ކަމަށެވެ.

މި ލޯ ޕްރެޝަރު އުފެދުމުގެ ކުރިން ރާއްޖޭގެ އުތުރާއި ދުރު ނޫން ހިސާބެއްގައި މީގެ ސެޓަޕް އޮތެވެ. ނަމަވެސް މިހާރު މިވަނީ އަރަބި ކަނޑުން އިތުރަށް އުތުރަށް ޖެހި ލަކްޝަދްވީޕް ސަރަހައްދުވެސް ފަހަނައަޅާ އިންޑިއާއާއި ގާތަށް ގޮސްފައެވެ.

މި ކޮޅިގަނޑުގެ މިސްރާބު އަރަބި ކަނޑުގައި ހުރީ އުތުރު އިރު އިތުރަށެވެ. އަދި ޖޫން މަހުގެ ދެވަނަ ދުވަހު އިންޑިއާގެ މަހަރާސްތުރާގެ އުތުރަށް އަދި ގުޖުރާތުގެ ދެކުނު ހިސަބަށް ފޯރާނެ ކަމުގައިވެސް އިންޑިއާގެ މެޓް އޮފީހުން ބުނެފައިވެއެވެ.

މި ލޯ ޕްރެޝަރުގެ އިތުރުން އިތުރު ކޮޅިގަނޑެއްވެސް އަރަބި ކަނޑުގައި މީގެ ތިން ދުވަސް ކުރިން އުފެދިފައިވެއެވެ. އެއީ އޮމާން އާއި ޔަމަނު ކައިރީގައެވެ. ނަމަވެސް މި ކޮޅިގަނޑުގެ ބާރު މިހާރު އަންނަނީ ދަށްވަމުންނެވެ.

ލަކްޝަދްވީޕްގައި އުފެދިފައިވާ ލޯ ޕްރެޝަރު ކޮޅިގަނޑަކަށް ބަދަލުވެ އަދި ތޫފާނަކަށް ބަދަލުވިޔަސް ރާއްޖެއަށް މީގެ ސީދާ އަސަރު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބަންގާޅު ކަނޑުގައި އެންމެ ފަހުން އުފެދުނު ތޫފާން އަމްޕަންގެ ނުސީދާ އަސަރު ރާއްޖެއަށް ކުރިހެން މި ލޯ ޕްރެޝަރުން އުފެދޭ ތޫފާނެއްގެވެސް ނުސީދާ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް