އިތުރު ފަސް މީހަކު ރަނގަޅު ވެއްޖެ

ކޯވިޑް-19 އަށް ޕޮސިޓިވްވި އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވަނީ މިއަދު އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ދެތިން ދުވަ...

31 May 2020 | 08:54

ކޯވިޑް-19 އަށް ޕޮސިޓިވްވި އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވަނީ މިއަދު އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ދެތިން ދުވަސް ތެރޭގައި ގާތްގަނޑަކަށް 150 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު 406 މީހަކު ބަލިން ރަނގަޅުވީ އެވެ. އެއީ ބަލި ޖެހުނު 24.28 ޕަސެންޓު މީހުންނެވެ.

ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. އޭގެ ތެރެއިންވެސް ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.

އެޗްޕީއޭއިން ރޭ ބުނީ ޕޮސިޓިވް މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ 54 މީހަކު އެބަތިބި ކަމަށެވެ. އެއީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންކަމަށާއި މިވަގުތު އައިސީޔޫގައިވެސް ފަރުވާ ދެމުންދަނީ ހިތުގެ ބަލީގެ ދެ މީހުންނަށް ކަމަށެވެ.

މި ބަލީގައި ނުރައްކާތެރިކަން އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށެވެ. އެއީ އެމީހުންގެ ދިފާއީ ނިޒާމު ބަލިކަށިކަމުންނެވެ.

ރާއްޖެއިން ޕޮސިޓިވްވެފައިވާ ގިނަ މީހުންގެ ހާލު ރަނގަޅެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ ޖުމްލަ 1،672 މީހުންނެވެ.

މި ބަލީގައި މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް