މަސްޖިދުލް ނަބަވީ އާއި ސައުދީގެ މިސްކިތްތައް ހުޅުވައިފި

މާތް ވެގެންވާ މަސްޖިދުލް ނަބަވީ އާއި ސައުދީ އަރަބިއްޔާގެ މިސްކިތްތައް ހުޅުވައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި ސައުދީގެ މިސްކ...

31 May 2020 | 08:06

މާތް ވެގެންވާ މަސްޖިދުލް ނަބަވީ އާއި ސައުދީ އަރަބިއްޔާގެ މިސްކިތްތައް ހުޅުވައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި ސައުދީގެ މިސްކިތްތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ18 ވަނަ ދުވަހު އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރި ނަމަވެސް ހުރިހާ މިސްކިތެއްގައިވެސް ބަންގިގޮވަ އެވެ. އަދި މައްކާގެ ހަރަމްފުޅުގެ މުވައްޒަފުންނާއި އެކު ކުޑަ ޖަމާއަތެއްގައި ނަމާދު ކުރެ އެވެ.

މިއަދު އަލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށިޔަސް މާތްވެގެންވާ މަސްޖިދުލް ހަރަމް އާއި މައްކާގެ އެއްވެސް މިސްކިތެއްގައި ނަމާދު ކުރުމުގެ ހުއްދައެއް ނުދެ އެވެ. ލޮކްޑައުން އާއި އެކު މައްކާ ސިޓީގައި އަޅާފައިވާ އެއްވެސް ފިޔަވަޅަކަށް ލުއި ދީފައެއް ނުވެ އެވެ.

ރޭ ފަތިސް ނަމާދަށް މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް ކޮޅު، މަސްޖިދުލް ނަބަވީ ހުޅުވި އިރު އެ މިސްކިތުގައި ނަމާދު ކުރަން މީހުންނަށް ވަދޭވޭނީ 40 ޕަސެންޓު ފުރެންދެންނެވެ. އޭގެ ފަހުގައި މިސްކިތް ބަންދު ކުރާނެ އެވެ. އެ މިސްކިތާއި ސައުދީގެ ހުރިހާ މިސްކިތެއްގެ ކާޕެޓުތަކާއި ދޫލަތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަގާފައި އެވެ.

ފަރުޟު ފަސް ނަމާދަށް މިސްކިތްތައް ހުޅުވާނީ ކޮންމެ ނަމާދެއް ފެށުމުގެ 15 މިނެޓު ކުރިންނެވެ. އަދި ނަމާދުކޮށް ނިމޭތާ 15 މިނެޓު ފަހުން މިސްކިތްތައް ބަންދު ކުރާނެ އެވެ. ހުކުރު ނަމާދަށް މިސްކިތްތައް ހުޅުވާނީ އެއް ގަޑިއިރު ކުރިންނެވެ. ހުކުރުކޮށް ނިމޭތާ 30 މިނެޓު ފަހުން މިސްކިތްތައް ބަންދު ކުރާނެ އެވެ.

ސައުދީގައި މިސްކިތަށް ނަމާދަށް ދާން ޖެހެނީ ގެއިން ވުޟޫ ކޮށްގެން މުސައްލަ ހިފައިގެންނެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި ބަލި މީހުން ޖަމާއަތަށް ނަމާދަށް ދިއުން މަނަލެވެ.

މިސްކިތަށް ދާ އެންމެން ތިބެން ޖެހެނީ މާސްކު އަޅައިގެންނެވެ. އަދި ނަމާދު ކުރާއިރު ދެ ސަފު ދެމެދުގައި ދުރުމިން ބަހައްޓަން ޖެހެ އެވެ.

ސައުދީގައި މިސްކިތްތައް ހުޅުވި ނަމަވެސް އަދިވެސް ބައެއް ތަންތަނަށް ޒިޔާރަތް ކުރުމާއި ބޭނުން ކުރުން ވަނީ މަނާކޮށްފައި އެވެ. އޭގެ ތެރޭގައި އުމްރާގެ އަޅުކަން އަދިވެސް ވަނީ މެދުކަނޑާލާފައި އެވެ. ޒަމްޒަމް ފެން ފޯރުކޮށް ދިނުން ހުއްޓާލާފައިވާއިރު ނަބަވީގެ ރައުޟާ އާއި ރިޔާޟުލް ޖައްނާ އަށް ޒިޔާރަތް ކުރުން އޮތީ މެދުކަނޑާލެވިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް