ކެންސަރު ބަލީގެ މީހަކު ފަރުވާ ނުލިބި އައިޖީއެމް ހޮސްޕިޓަލުގައި މީހަކު ނިޔާވެއްޖެކަމަށް ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވުނީ މުޅިން ރަނގަޅު ވާހަތަކެއް ނޫން ކަމުގައި އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިތަލުން ނެރުނު ނޫސްބަޔާނުގައި އާއިލާއަށް އިހްލާސްތެރި ތައުޒިޔާއާއެކު ބުނެފައިވަނީ ބަލި މީހާގެ ހާލަތު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތުދިން ކަމަށާއި ނިޔާވީ ފަރުވާއެއް ނުލިބި މި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ ހަ ދުވަސް ފަހުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.
ބަލިމީހާ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ދައްކާފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭގައި ކަމަށާއި އަދި ޏ. ފުވައްމުލަކު ހޮސްޕިޓަލުން މި ހޮސްޕިޓަލަށް މި ކޭސް ރިފަރ ކޮށްފައިވަނީވެސް އެޑްވާންސް ކެންސަރ ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގެ ގޮތުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލުން އާންމުކޮށްދޭ ގިނަ ހިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީނަމަވެސް ލަސްތަކެއް ނުކޮށް ސީޓީ ސްކޭނެއް ހަދައި، ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާ މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ ދެން ދިމާވެދާނެ ކަންކަންވެސް އާއިލާއަށް ކިޔައިދީފައިވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ބަލިމިހާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރިތާ ދެ ދުވަސް ފަހުން 29 މެއިގައި ކަމަށާއި މިފަދަ ނާޒުކު މައްސަލަތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް، އަދި ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ހަބަރު ފެތުރުމަކީ އެ ހޮސްޕިޓަލުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ރިވިއުކޮށް އިސްލާހުކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން މިހާރު އަމަލުކުރަމުންދާ ގޮތަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމެއް އޮތްތޯ ބަލައި ބަދަލެއް ގެންނަންޖެހޭ ކަމެއް އޮތްނަމަ އެފަދަ ބަދަލުތައް އަބަދުވެސް ގެންނަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް