ކޯވިޑް-19 އާއި ގުޅިގެން ތިން ގައުމެއްގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެސްފި އެވެ.
މިއަދު ހެނދުނު ރާއްޖެ ގެނެސްފައިވަނީ ބެލަރުސް، އިނގިރޭސިވިލާތް އަދި ސްރީލަންކާގައި ތިބި ދިވެހިންތަކެކެވެ. މި ދަތުރުގައި ތިން ގައުމުގައި ތިބި ދިވެހިން ގެނެސްފައިވަނީ އެއް ފްލައިޓެއްގައި އެވެ.
މިއަދު ރާއްޖެ އައިސްފައިވަނީ ބެލަރުސްގައި ތިބި 48 ދިވެއްސަކާއި، އިނގިރޭސިވިލާތުގައި ތިބި 32 މީހެއްގެ އިތުރުން ސްރީލަންކާގައި ތިބި 23 މީހެކެވެ. މި އެންމެން ރާއްޖެ އައުމާއި އެކު ގެންގޮސްފައިވަނީ ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާއިން ގެނައި 23 މީހުން ރާއްޖެ ގެނައުމުގައި އިސްކަން ދީފައިވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ކަމަށެވެ. މި އެންމެންވެސް ރާއްޖެ އައިސްފައިވަނީ އަމިއްލަ ހަރަދުގައި ޓިކެޓު ނަގައިގެންނެވެ.
އެ މިނިސްޓްރީން ބުނީ އެހެން ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ތައިލެންޑުގައި ތިބި 50 އަށްވުރެ ގިނަ ދިވެހިންތެރެއިން ރާއްޖެ އަންނަން ބޭނުންވި 28 މީހަކު ގެނެސްފައި އެެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައިވާއިރު ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ. އެހެންވެ އެހީތެރިކަން ބޭނުންވާ ނުވަތަ ރާއްޖެ އަންނަން ބޭނުންވާ މީހުން ފޮރިން މިނިސްޓްރީގައި ނުވަތަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް