ރާއްޖޭގައި ކޯވިޑް-19 ވެކްސިން މިއަދު ދީފައިވަނީ 2،034 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރޭގަ ވެކްސިން ދީފައިވަނީ 1،419 މީހުންނަށެވެ. މާލޭގައި މިއަދު ވެކްސިން ދީފައިވަނީ 615 މީހުންނަށެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 237،716 މީހުންނަށެވެ.
އޭގެ ތެރެއިން 130،991 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 106،725 މީހުންނަށެވެ.
މާލެ ސަރަހައްދުގައި، އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނެއްގައި މިއަދުވެސް ވެކްސިން ދޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 10 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ޖެހުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ރާއްޖޭގައި ދެމުން އަންނަނީ ސިނޮފާރމް ވެކްސިންއެވެ.
އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދެމުން އަންނަނީ، ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކް، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ސޯޝަލް ސެންޓަރު، ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާގައި ވެސް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވިލިމާލޭ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގއި ވެކްސިން ދެމުން އަންނަނީ ހެނދުނު 10:00 އިން ފެށިގެން 12:00 އަށެވެ. އަދި މާލެ ސަރަހައްދުގެ އެހެން މަރުކަޒު ތަކުން 10:00 އިން ފެށިގެން 15:00 އަށް ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1377309854155468808
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް