ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކ. ހުރާގައި ކާފިއު އިއުލާނުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެ ރަށުގައި ކާފިއު އިއުލާނުކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ. މި ހަތް ދުވަހުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކަކީ :-
- ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން.
- އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
- ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން، މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ނުހިމެނޭ.
- ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
- ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
- ފިހާރަތަކާއި ބޭންކުފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
- ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށްގެންދިއުން ހުއްޓާލުން.
ހުރާގައި ކާފިއު އިއުލާނުކޮށްފައިވާއިރު އެ ރަށު ކައުންސިލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ރަށުގެ 175 ގޭގެ ތެރެއިން 160 ގެއެއް ވަނީ މޮނީޓަރިން ހާލަތުގައެވެ. 104 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު 400 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް