އެމްޔޫ ސްޓޯރު ތިޖޫރީ ފަޅާލި މައްސަލައިގަ ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލި މައަސްލައިގަ ދައުލަތުން ދައުވާ އުފުލި ފަސް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ...

31 Mar 2021 | 16:47

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލި މައަސްލައިގަ ދައުލަތުން ދައުވާ އުފުލި ފަސް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ވެގާ ސްޓޯ ބިލްޑިންގްގައި ހުންނަ އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް ފަޅާލީ 2016 ވަނަ އަހަރު އެވެ. އެ ވައްކަމުގައި ތިޖޫރީގައި ހުރި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު ވަގަށް ނެގި އެވެ.

މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުން ކަމަށެވެ. އެކަމަކު ތިން ތިޖޫރީއެއް ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މި ހުކުމާއި ގުޅިގެން މިއަދު ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެމްޔޫ ސްޓޯރުގެ ވައްކަމުގެ މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ އޭގެ ތެރެއިން ދައުވާ ލިބޭ އެއްވެސް މީހެއްގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާއިރު، ފަހުން ފުލުހުން ހޯދި ފައިސާތަކުން ވެސް އެ ފަސް މީހުންނާ އެކަމާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދައި އެ ފައިސާތައް އެމްޔޯ ސްޓޯރާ ހަވާލުކުރި އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެއީ އެހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ވައްކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް