މަޖީދީ މަގު ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ މިސްކިތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އެސްޖޭ ކޮންސްޓްރަކްޝަނާއި އެވެ. އެކަމަކު އެ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެއްބަސްވުން ވަނީ ބާތިލް ކޮށްފައި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ތަނުގައި ވަގުތީ މިސްކިތެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން، މާދަމާ ހަވީރު 4:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ވާން [email protected] އަށް އީމެއިލް ކުރާ އިރު، އީމެއިލްގެ ސަބްޖެކްޓް ލައިންގެ ގޮތުގައި އިއުލާން ނަންބަރު ލިޔަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވި ނަމަވެސް އަންދާސީހިސާބު ހުށަހަޅަން ދާން ޖެހޭނީ މިނިސްޓްރީ އަށެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށާއި ރަޖިސްޓްރީވެވުނު ކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:30 ގައި، މިނިސްޓްރީގަ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ.
މި މިސްކިތުގެމަސައްކަތް ނުފެށި ލަސްވަމުންދާއިރު މިސްކިތު ގޯތި ތެރެއަށް ކުނި އެޅުމުގެ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް