ވެންޓިލޭޓަރު މައްސަލައިގަ ރާއްޖެއިން އާބިޓްރޭޝަނަށް ދަނީ

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގަ އާބިޓްރޭޝަނަށް ދާން ދިވެހި ސަރުކާރުން ނިންމައިފި އެވެ. ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޔޫއޭއީގެ ދުބާއީގެ އެ...

31 Mar 2021 | 10:10

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގަ އާބިޓްރޭޝަނަށް ދާން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޔޫއޭއީގެ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދާން ނިންމީ އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު އެގޮތަށް ލަފާދެއްވާފައިވާތީ ކަމަށެވެ. އެގޮތަށް ނިންމެވީ ވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވި ކުންފުންޏަށް ދިވެހި ސަރުކާރުން ފައިސާ ދައްކާފައިވާތީ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށެވެ. އާބިޓްރޭޝަން ކުރިޔަށް ގެންދާނީ ޔޫއޭއީ ސަރުކާރުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަންފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ މިކަމުގައި ހިމެނޭ ދިވެއްސަކު ނުވަތަ ބިދޭސީއަކު ނަމަވެސް ޒިންމާދާރު ކުރުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެކި މުއްދަތުތައް ދެވިފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ އެކި ޓައިމްލައިންތައް ވެސް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އާބިޓްރޭޝަނަށް ދާން ނިންމީ ވެންޓިލޭޓަރުތައް ހޯދަން ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާތީ ކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ ވެންޓިލޭޓަރުތައް ގަތުމަށް ސަރުކާރުން ދެއްކި ފައިސާ އަނބުރާ ހޯދާށެވެ.

އެ ކުންފުންޏަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެއަށް ދޭން ޖެހުނު ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް