ރ. މަޑުއްވަރީގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މަޑުއްވަރީގައި އުމުރުން 15 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. އެއީ އެ މައްސަލައިގައި ފުލުހުންނާއި ޖެންޑާރ މިނިސްޓްރީން ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އެ ކުއްޖާ އަށާއި އާއިލާއަށް އިންސާފު ލިބުން ލަސްވެގެންދާ މައްސަލައިގައެވެ.
މަޑުއްވަރީ ސްކޫލްގެ ގުރޭޑް 8 ގައި ކިޔަވަމުންދާ އުމުރުން 14 އަހަރުގެ އެ ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި ކުއްޖާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރީ ތިން މީހަކު ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ފުލުހަކާއި ޓީޗަރަކު ހިމެނެއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ އެސެސްމަންޓްތައް ހެދުމަށްޓަކައި އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ.
ނަމަވެސް، ކުއްޖާގެ މައިންބަފައިން ތިބީ ރަށުގައެވެ.
މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.
މަޑުއްވަރީގައި ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަޔަކު ހައްޔަރު ނުކުރާތީ އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގުމުން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ.
މި މައްސަލައިގައި އިންސާފު ލިބުން ލަސް ވާތީ މަޑުއްވަރީ އަދި މާލޭގައި ވަނީ އާންމުން ނުކުމެ މުޒާހަރާ ވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް