ކޯވިޑް-19ގެ "ވޮސްޓް ކޭސް ސިނާރިއޯ" ނުވަތަ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، އެކަމާ ގުޅޭ މައުލޫމާތު ފޮރުވަން ނޫޅުއްވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނަސީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައަކީ އޭނާ މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރީގެ ކަަމަކަށް ވާތީ އޭގެ ތަފުސީލު އެނގޭ ގޮތަށް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މަޖިލިހުން ބޭނުންވާ ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލިހުގެ އިތުރުން، ތަހުގީގީ އިދާރާއަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތެއް ދެއްވާނެ ކަމަށާއި އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ވެންޓިލޭޓަރުގެ މައްސަލައިގައި މި ތަނުން ބޭނުންވާ ހުރިހާ މައުލޫމާތެއް މިތަނަަށް ފޮނުވައި ދޭނަން. އެއްވެސް އެއްޗެއް ފޮރުވާކަށް ނެތިން. އެހެން ހީފުޅުކުރައްވާ ކަހަލަ ގޮތަކަށް ވެސް ވާހަކަ ދެކެވޭ. ނަމަވެސް އެކަހަލަ ކަމެއް ނޯންނާނެ. އަދި އެހެން އިންވެސްޓިވޭޓިވް މުއައްސަސާއަކުން ވެސް އެދިވަޑައިގެންނެވިޔަސް މައުލޫމާތު ދޭނަން" ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންނާ ހަވާލު ކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފައެވެ.
ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ށް ފޮނުވާފައިވާ މައްސަލައިގައި ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. މިއީ ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރައްވަން ޝަމީމް ނިންމެވި ދެ ވަނަ ފަހަރެވެ.
އެކަމަކު، އާންމުންގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެ، ޕީޖީން ފަހުން ވަނީ އަނެއްކާ ވެސް އެ ނިންމުން މުރާޖައާ ކުރާނެ ކަން ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް