އަންނަ ހޮނިހިރުން ދުވަހުން ފެށިގެން ކޯވިޑް-19ން ދިފާޢުވުމަށް ޖަހާ، ވެކްސިންގެ ދެ ވަނަ ޑޯޒް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ނިންމައިފިއެވެ.
ރާއްޖޭގައި ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިނެއް އެންމެ ފުރަތަމަ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. ވެކްސިން ދޭން ފެށިތާ ދެ މަސްވެގެން ދިޔަ އިރު، މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.
ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗަައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހުން (އޭޕްރީލް ތިންވަނަ ދުވަހުން) ފެށިގެން ދޭނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް އެވެ. އަދި ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނެ އިރެއް ނުނިންމައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުނަށެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ދެ ވަނަ ޑޯޒް ޖެހޭނެ އެވެ. އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދޭނެއެވެ.
މާލޭގެ އަށް ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ދެނީ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް