ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ވޯޓުދޭން ދިވެހިން ތިބީ ކެތްމަދުވެފައި ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާ، މަޖިލީހުގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ އޮންލައިންކޮށް ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ނަޝީދު ވިދާޅުވީ އޮންލައިންކޮށް ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުންތައް ނިމުނު ނަމަވެސް އެމްޑީޕީގެ ކެމްޕެއިން ނުނިމޭ ކަމަށާއި އަދި ކިރިޔާ މި ފެށުނީ ކަމަށެވެ. އަދި ކެމްޕެއިންގެ ފަހު 10 ދުވަހަށް އެމްޑީޕީން ރަނގަޅަށް ފޫގަޅާލާނެ ކަމަށާއި އެމްޑީޕީ ދެން ނުހުއްޓުވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މި ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ތިލަފަތާ އެކުގައި. އެމްޑީޕީ އަށް ވޯޓު ދިނުމަށް ކެތްމަދުވެފައި" ނަޝީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 841 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެތެރެއިން 21 ގޮނޑި މިހާރު ވެސް އެމްޑީޕީ އަށް ވަނީ ކަށަވަރުވެފައެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 681 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެތެރެއިން 53 ގޮނޑި އެމްޑީޕީ އަށް މިހާރު ވަނީ ކަށަވަރުވެފައެވެ.
މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް