ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ތިން ލައްކަ ކޯވިޑް-19 ޕީސީއާރު ޓެސްޓު ހަދައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ އަދަދު ހަމަވެފައިވަނީ އިިއްޔެގެ ވަގުތެއްގައި ކަމަށެވެ. އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލގެ ލެބޯރްޓަރީގައި ޕީސީއާރު ޓެސްޓު ހެދުމުގައި ހަރަކާތްތެރިވާ ލެބްގެ ޓެކްނިކަލް ޓީމަށް ޝުކުރު އަދާކޮށްފައި އެވެ.
އައިޖީއެމްއެޗް އިން ޕީސީއާރު ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުންގެ ޓީމަކުން ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން، ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.
އައިޖީއެމްއެޗްގައި ޕީސީއާރު ޓެސްޓުކުރަން ފެށި އިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. ނަމަވެސް މިހާރު ލެބުގެ ކެޕޭސިޓީ 1،500 އަށް ވުރެ ބޮޑެވެ.
ރާއްޖޭގައި މިހާރު ދުވާލަކު އާންމުކޮށް3،000 އަށް ވުރެ ގިނަ ކޯވިޑް-19 ޕީސީއާރު ޓެސްޓު ހަދައެވެ. އެޗްއީއޯސީން ބުނީ އޭގެ ތެރެއިން60 ޕަސެންޓު ޓެސްޓު ހަދަނީ އައިޖީއެމްއެޗްު ލެބޯރްޓަރީން ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި މުޅި ޖުމްލަ 647،093 ސާމްޕަލް އެއް ކޯވިޑް-19 އަށް ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 23،838 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 20،984 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް