ޝިފްލާ ހިމެނޭހެން ބްރޯޑްކޮމްއަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ކޮމިޓީއަށް

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ. ބްޜޯޑްކޮމްގެ މެމްބ...

31 Mar 2021 | 06:41

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބްޜޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތުހުޅުވާލީ އެ ކޮމިޝަނުގެ މެމްބަރު އާމިނަތު ސަހާރަތު އިއްޒަތުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި މަސައްކަތްކުރެއްވި ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް، ހިމެނޭ ހެން ތިން ބޭފުޅެއްގެ ނަން މަޖިލިހަށް ހުށަހަޅުއްވައިފައެވެ. ޝިފްލާގެ ނަން އޮތީ ރައީސް ފޮނުއްވި ލިސްޓްގެ ދެ ވަނައިގައެވެ.

މަޖިލިހަށް ރައީސް ފޮނުއްވި ނަންތައް ތަރުރީބުން:

1- ފާތުމަތު ސައުޝަން، މ. ވެމްގޯ

2- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ

3- ޑރ. މުހައްމަދު އިބްރާހިމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި

މި ލިސްޓްގައި ހިމެނޭ ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށް މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގައެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

މީގެ ކުރިން އެތައް ފަހަރަކު ބްރޯޑްކޮމްއަށް ޝިފްލާ ކުރިމަތި ލެއްވި ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާސްކޮށްފައެއް ނުވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ.

އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ ސަހާރަތުގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއި އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އާއި ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދާއި އަލީ ޔޫސުފާއި އައިމިނަތު އަމީނާ އާއި މުހައްމަދު ފަޒީނެވެ. މި މެމްބަރުންގެ ތެރެއިން ފަޒީން އެ ކޮމިޝަނަށް އައްޔަން ކުރީ ދާދި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް