ރާއްޖޭގަ ތިބި ދަރިވަރުންތަކެއް އުރީދޫ 5ޖީ މެދުވެރިކޮށް ޖަރުމަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރަނީ

އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަރސިޓީން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ "ރޮބޯއީ"އާއެކު ޕާރޓްނަރޝިޕެއް ގާއިމްކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއ...

31 Mar 2021 | 06:08

އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަރސިޓީން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ "ރޮބޯއީ"އާއެކު ޕާރޓްނަރޝިޕެއް ގާއިމްކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް މިއަދު ބާއްވައިފިއެވެ.

މި އިވެންޓްގައި އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ދިވެހި ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ފުރުސަތެއް ވަނީ ފަހިކޮށްދީފައެވެ.

ވީއާރް ކެފޭގައި މިއަދު ބޭއްވުނު މި އިވެންޓްގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއްވަނީ އުރީދޫ 5ޖީ އެއަރފައިބަރ ގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯރޓް ވުމުގެ ތަޖުރިބާކޮށްފައެވެ. ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާ ގޮތް ވެސް ދަސްކޮށްފައެވެ.

"ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތަކެއް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫއިން ހުއްޓުމެއްނެތި މި މަސައްކަތް ކުރަނީ ކުރިއަރަމުން އަންނަ މިފަދަ އީޖާދީ ހިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކައް ފޯރުކޮށްދީ އައު ފުރުސަތުތަކާއި މި ހިދުމަތްތަކުގެ ފުރިހަމަ ފައިދާއާއި ގުޅުވާލަދިނުމަށް. އެހެންކަމުން ރޮބޯއީ، އީކޯ އޯގަނައިޒޭޝަން އަދި ވީއާރް ކެފޭއާއެކު މިއަދު ރާއްޖޭގައި މި ބޭއްވުނު ތާރީހީ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ބާރު ސްޕީޑްތަކާއި އެކު ފަހިވެގެންދާނެ ފުރުސަތުތައް ދައްކާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޙާން ވިދާޅުވިއެވެ.

އީކޯ އޯގަނައިޒޭޝަން އަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯރގަނައިޒޭޝަންއެކެވެ.

"އަޅުގަނޑުމެންގެ ތަސައްވަރާ އެއްފަދައިން، ކުރިއަރަމުން އަންނަ އީޖާދީ ޚިދުމަތްތަކާ ދިވެހިން ގުޅުވާލަދީ ދެމެހެއްޓެނިވި ކުރިމަގަކަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށްވާ އުރީދޫ މޯލްޑިވްސްއާއެކު މި މަސައްކަތުގައި ހިއްސާވުމަކީ އަޅުގަނޑުމެން އުފާކުރާކަމެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ މި މަސައްކަތުގެ އީޖާދީ އައު ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ." މިކަމާ ގުޅޭ ގޮތުން އީކޯ އޯގަނައިޒޭޝަންގެ ފައުޑަރ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވިއެވެ.

ޓެލެޕްރެސެންސް ރޮބޯޓިކްސް ޚިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފައެވެ. އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ކުރިއަރަމުން އަންނަ އިޖާދީ ހިދުމަތްތަކާއި ޑިޖިޓަލް ދުނިޔެއާއި ގުޅުވާލަދީ އަދި މިޚިދުމަތްތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް