ދުވަހުގެ ފޮޓޯ: އެތައް ބައެއްގެ ކަޅި މި ފޮޓޯތަކަށް

އިއްޔެ މެންދުރުން ފެށިގެން ޓްވިޓާގައި ގިނަ ބައެއްގެ ކަޅި ހުއްޓިފައި ވަނީ މި ފޮޓޯތަކަށެވެ. ސަބަބެއް ނެތި އެއް ނޫނެވެ. ފޮޓޯތަކުން ފެންނަނީ ދިވެހިރާއްޖޭގެ ރަށެއްގެ ހިމޭން މަގެއްގެ އެއް ފަރާތުގައި އުނދޯއް...

31 Mar 2021 | 05:55

އިއްޔެ މެންދުރުން ފެށިގެން ޓްވިޓާގައި ގިނަ ބައެއްގެ ކަޅި ހުއްޓިފައި ވަނީ މި ފޮޓޯތަކަށެވެ.

ސަބަބެއް ނެތި އެއް ނޫނެވެ. ފޮޓޯތަކުން ފެންނަނީ ދިވެހިރާއްޖޭގެ ރަށެއްގެ ހިމޭން މަގެއްގެ އެއް ފަރާތުގައި އުނދޯއްޔެއްގައި ވަރަށް ލޯބިކޮށް ނިދާލާފައި އޮތް ތުއްތު ކުއްޖެކެވެ.

ދިރޭ ސޫތްޕެއްގެ އުނދަގޫ ޖެހިދާނެތީ ނެޓް ޖަހައި ކުޑަކުއްޖަކަށް އެންމެ ރައްކާތެރި ގޮތަށް އެ އުނދޯލި ވަނީ ތައްޔާރު ކުރެވިފައެވެ.

މި ހިމޭން މާހައުލުގައި ޖެހޭ ފިނި ވައި ރޯޅިތަކުގެ އަރާމު ހާސިލުކުރަމުންދާ އެ ތުއްތު ކުއްޖާގެ ނަސީބު ހާދަހާ ގަދައޭ ހިތަށް އަރައެވެ. ކޮންމެ ކޮންމެ ކުއްޖަކަށް އެ ފަދަ ނަސީބެއް ނުލިބޭނެއެވެ. އަޅުގަނޑު މިހެން މި ދަންނަވަނީ ކީއްވެކަން އެނނގޭ ހެއްޔެވެ؟

ފޮޓޯތައް ހިއްސާކުރި ފަރާތުން ބުނެފައި ވެއެވެ. "ރަށެއްގެ މަގެއް މިވަރު ހަމަޖެހުން އޮންނަންވާނެ. ކުޑަ ދަރިއަކަށް މަގުގައި ނިދާލެވޭވަރު ވާން ޖެހޭނެ." އެވެ. ތެދެކެވެ.

https://twitter.com/sanbo_w/status/1376801522613321731

އެކަމަކު މިއަދު ރާއްޖޭގެ ގިނަ ރަށްރަށުގައި އެބުނި ފަދަ އަމާންކަން އެބަ އޮތް ހެއްޔެވެ؟ މި ގޮތަށް ކުޑަކުއްޖަކު ނިދާލަން ދޫކޮށްލަން ރައްކާތެރި ވާނީ ކިތަށް ރަށުގައި ބާއެވެ؟

މަދު ރަށަަކު ފިޔަވައި ރައްކާތެރިކަމާއި އަމާންކަން ނެތެވެ. ޖިންސީ ގޯނާ އިންތިހާއެވެ. އަނިޔާވެރިކަން އިންތިހާއެވެ. އުނދޯލީގައި ދަރިފުޅު ބާއްވާފައި ގެއަށް ވަދެ ނުކުންނަ އިރު ދަރިފުޅު އޮންނާނެ ކަމުގެ ޔަގީންކަން މަންމަ ނުވަތަ ބައްޕައަށް ނޯވެއެވެ. މިއީ ހަގީގަތުގައި ވެސް އަދު މި ގައުމުގެ ހާލަތެވެ.

ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތެވެ. އަނިޔާ ލިބޭ މީހާއަށް އިންސާފު ނުލިބެއެވެ. އަނިޔާވެރިވާ މީހާއަށް އަދަބު ނުލިބެއެވެ. ނަތީޖާއަކީ އިތުރު ކުށްކުރުމަށް އެ ފަދަ މީހުންނަށް ފުރުސަތު ލިބުމެވެ. ހިތްވަރު ލިބުމެވެ. ބޮޑެތި މުޖުރިމުން މިނިވަން ކަންމަތީ، މުޖުތަމައަށް ދޫވެފައި އެބަ ތިއްބެވެ.

އަމަން އަމާންކަމޭ މިކިޔާ އެއްޗެއް ގިނަ ރަށްރަށުގެ މީހުން ނުދަނެއެވެ. ވީމާ މި ކުއްޖާހާ އަދި މި ކުއްޖާ ނިސްބަތްވާ ރަށުގެ އަހުލުވެރިންހާ ނަސީބުގަދަ ބަޔަކަށް ކޮންމެ ކޮންމެ ރަށެއްގެ އަހުލުވެރިން ނުވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް