ދިވެހިރާއްޖޭގައި ވެރިކަން ކުރަން ޕީޕީއެމް ވަރެއް ނެތް ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަން އޮތީ އެންމެ ޕާޓީއެއް ކަމަށާއި އެގޮތުން ވެރިކަން ކުރަން ޕީޕީއެމް އަކީ ހަމަ "ހަބޭސް" ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ މިހާތަނަށް ފެނުނު އެންމެ ނާގާބިލު އެއް ޕާޓީ ކަމަށާއި މިއީ ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތުމުން ދަންނަވާ ވާހަކައެއް ނޫން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، އެމްޑީޕީއަކީ ދެވުނުހާ ތަނެއްގައި ޑިމޮކްރެސީގެ ބެރު ޖަހަމުން ދުވާ ޕާޓީއެއް ކަމަށްވާއިރު ކައުންސިލް އިންތިހާބު ބާއްވަނީ ރާއްޖޭގެ އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ބާއްވާ އިންތިހާބަކީ ބާތިލު، ޑިމޮކްރެސީއާ ބީރަށްޓެހި އިންތިހާބެއް ކަމަށެވެ.
މީގެ އިތުރުން، ލާމަރުކަޒީ ނިޒާމާއި ވެސް އެންމެ ބީރަށްޓެހީ އެމްޑީޕީ ކަމަށާއި އެގޮތުން އެމްޑީޕީން މޮޅެތި ވާހަކަތަކެއް ދެއްކި ނަމަވެސް ކައުންސިލުގެ ނިޒާމު ހިންގަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގި ގޮތަށް ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
"ރަނގަޅަށް އެމްޑީޕީ ދިރާސާކޮށްފިއްޔާ އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ބައެއް ނޫނޭ. ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީއީއޯ އަކަށް މި ހުންނަވަނީ އަފްޝަން ލަތީފް. އެއްކޮޅުން އަފްޝަން މި ހުންނަވަނީ ލާމަރުކަޒީ ނިޒާމު ހިންގަން. އަނެއްކޮޅުން ރައީސް ނަޝީދު މި ހުންނަވަނީ ޖުޑީޝަރީ ހިންގަން. ކިހާ ފައްކާ މިނިވަން ލާމަރުކަޒީ ނިޒާމަކާއި، ކިހާ ފައްކާ މިނިވަން ޖުޑިޝަރީގެ ނިޒާމެއް ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ؟" ޑރ. ޖަމީލު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް