މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސް ހަފުލާގައި ކުރީގެ އެކްޓަރު އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ހުރީ "މަސްތުވެގެން" ކަމަށް ބުނެ ބައެއް ނޫސްވެރިން ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
އެ އެވޯޑު ހަފްލާގައި ބާބިލް ބައިވެރިވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި އޭނާގެ ބައްޕަ އިރުފާން އަށްލިބުނު ދެ އެވޯޑަކާއި ހަވާލުވުމަށެވެ. އިރުފާންއަށް ލިބިފައިވަނީ ފިލްމު "އަނގްރޭޒީ މީޑިއަމް" އިން އެންމެ މޮޅު ބަތަލުގެ އެވޯޑާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.
އިރުފާންގެ ހެދުމެއް ލައިގެން ބާބިލް އެވޯޑު ހަފްލާއަށް ގޮސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. ބައެއް ނޫސްވެރިން ވަނީ ބާބިލް ހުރީ މަސްތުގެ ހާލަތުގައި "ނައިސް" ވެގެން ކަމަށް ސިފަކޮށް އެކަން އޭނާގެ މޫނާއި ލޮލުން އެނގޭ ކަމަށް ބުނެފަ އެވެ.
މިކަމާއި ގުޅިގެން ބާބިލް އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ހުރީ މަސްތުގެ ހާލަތުގައިތޯ އަހަށް ހަތް ނޫސްވެރިން ގުޅި ކަމަށެވެ. ބާބިލްވަނީ އެ ތުހުމަތުތަކާއި ގުޅިގެން އެ ނޫސްވެރިންގެ ދިރާސާތައް ވަރަށް މޮޅު ކަމަށް ބުނެ ބަހުގެ ހަމަލާ އެ ޕޯސްޓުގައި ރައްދުކޮށްފައި އެވެ.
ބާބިލް ބުނީ އޭނާ އަކީ މިދިޔަ އަހަރު ޔުނިވަސިޓީ ނިންމާލި ގޮތަށް ހުރި ސާފު ޒުވާނެއް ކަމަށެވެ. އަދި އޭނާގެ މޫނުމަތިން ފެންނަން ހުރީ ގުދުރަތީ ގޮތުން މޫނުމަތި ހުންނަ ގޮތް ކަމަށާއި އެއީ ބޮއެގެން ހައިވެގެންވެފައި ހުރި ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ބާބިލް ބުނީ ނޫސްވެރިންގެ ތުހުމަތުތަކާއި އެކު އޭނާގެ ލުކާ މެދު އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި އެ ލުކް ބޭނުންކޮށްގެން އޭނާ ބޮލީވުޑްގައި މިލިއަނުން ފައިސާ ހޯދާނެ ކަމަށް ބުނެފައިވެ އެވެ.
ބާބިލް ގެންދަނީ ބޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުންދާ ކަމަށް ބުނެ މި ފަހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް