ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އަތޮޅު ތެރޭގައި ރަށްރަށުގެ ކައުންސިލް އިދާރާގައި އެވެ.
މާލޭގައި މި އިންތިޒާމް ހަމަޖައްސާފައި ވަނީ އިންތިހާބާއި ބެހޭ މައި މަރުކަޒު ބާ ޖަމާލުއްދީންގައި އެވެ. އެތަނުގައި ސޮއި ކުރުން ކުރިޔަށް ދާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށެވެ. ހުކުރު ދުވަހު ސޮއި ކުރުން އޮންނާނީ މެންދުރު ފަހު 3:00ން ރޭގަނޑު 10:30 އަށެވެ.
ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރާގޮތަށް ހަމަޖެއްސީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިންގެ ދަށުންނެވެ.
ވޯޓާސް ލިސްޓުގެ ކޮންމެ ގަނޑެއްގައި ކެންޑިޑޭޓުން ސޮއި ކުރަން ޖެހެ އެވެ. އެގޮތަށް ސޮއި ކުރާއިރު ކެންޑިޑޭޓު ކަނޑާއަޅާ މީހަކަށް ސޮއި ކުރެވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަމިއްލަ ކެންޑިޑޭޓުންގެ ފަރާތުން އެހެން މީހަކު ސޮއި ކުރާ ނަމަ އައިޑި ކާޑު ކޮޕީ އަކާއި ކެންޑިޑޭޓު ހުއްދަ ދިން ކަމުގެ ސިޓީއެއް ގެންދަން ވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ވާދަ ކުރާ ކެންޑިޑޭޓެއް ނަމަ ނިސްބަތްވާ ޕާޓީއެއްގެ ތައްގަނޑުޖެހި ލިޔުމެއް އޮންނަން ވާނެ ކަމަށް ބުނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 2،73،128 މީހުން އެބަތިއްބެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިމް މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް