އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ އެއް އަތޮޅަކީ ށ އަތޮޅު: ރައީސް

ސަރުކާރުން ށ. އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ށ. އަތޮޅު ކެންޑިޑޭޓުންނާއެކު އެމްޑީޕީން ...

31 Mar 2021 | 04:59

ސަރުކާރުން ށ. އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ށ. އަތޮޅު ކެންޑިޑޭޓުންނާއެކު އެމްޑީޕީން ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ށ އަތޮޅަށް ކަމަށާއި މުޅިއެކު 304 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ށ އަތޮޅުގެ 512 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދާ ކަމަށާއި، 1502 މީހަކަށް 23.1 މިލިއަން ރުފިޔާ އިންކަން ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، އެސްއެމްއީ ލޯންގެ ގޮތުގައި 9.6 މިލިއަން ރުފިޔާ ށ އަތޮޅުގެ އެކި ރަށްރަށަށް ދޫކޮށްފައިވާކަށް ރައީސް ވިދާޅުވިއެވެ. އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި 53 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ށ. އަތޮޅު ކައުންސިލުން ފާހަގަ ކުރި މައިގަނޑު މައްސަލަތަކަށް ވެސް މިދައުރުގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. "އަޅުގަނޑު ޔަގީންކަމާއިއެކު މިދަންނަވަނީ އަޅުގަނޑުމެންގެ މިދައުރުގައި ފުނަދޫގައި އާހޮސްޕިޓަލެއް އަޅައިދޭނަން. އަދިވެސް އަޅުގަނޑުމެން ވައުދުވެފައި ހުރިކަންކަން ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

މާނގޫދޫއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލަންދޫގައި 38 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަތް މިހާތަނަށް ކޮށްފައިވާކަމަށާއި، 800 ކިލޯވޮޓް ޖަނަރޭޓަރ ސެޓް ބަހައްޓާ ނިމިފައިވާ ކަމަށާއި، 700 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މިލަންދޫ މަގު ހެދުމުގެ މަސައްކަތް މިހާރު އާރްޑީސީން ކުރިއަށް އެބަގެންދާ ކަމަށް ވިދާޅުވިއެވެ. ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެހުން ނިމި، އެޕްރީލްގައި ޓެންޑަރ ކުރެވޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ފުނަދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 44.5 މިލިއަން ރުފިޔާގެ މަޝްރޫއުގެ މި މަސައްކަތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުން ޓެންޑަރ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްތޫމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ނަލަންދޫގައި ރިސޯޓް ތަރައްޤީ ކުރުމާއި ބެހޭގޮތުން ރައީސް ވިދާޅުވީ، ނަލަންދޫގައި އެހެން ފަރާތަކުން މަސައްކަތްތަކެއް ކޮށްފައިވާތީވެ އެކަމަށް ބަދަލު ދޭންޖެހޭ ކަމަށާއި، އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް