ފާދިއްޕޮޅު ނައިފަރުގައި ކޯވިޑް-19 ފެތުރި ހާލަތު ގޯސްވެފައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ރަށަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް، ނައިފަރު ދާއިރާގެެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅު ފެލިވަރުގައި މަސައްކަތްކުރާ ބަޔަކު ކޯވިޑް-19ށް ފައްސިވެ، އެ މީހުންނާ ގާތުން އެއްތާވި އިތުރު ބަޔަކު ނައިފަރުގައި އެބަ ތިއްބެއެވެ. އަދި ފެލިވަރުން މި ރޯގާ ޖެހުނު މީހުންގެ ތެރޭގައި ވެސް ނައިފަރުގެ މީހުން ގިނަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނައިފަރުން ބަލި ޖެހުނު މީހުންގެ ޖުމުލަ 30އަށް ވުރެ އިތުރުވެފައި ވެ އެވެ.
ޝިޔާމް އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނައިފަރަކީ މީހުން ވަރަށް ބޮޑަށް ތޮއްޖެހިގެން ދިރިއުޅޭ ރަށަކަށް ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިފަދަ ހާލަތުތަކުގައި އަމަލުކުރަނީ އެ ކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑްލައިންތޯ ވިސްނާލަންޖެހޭ ކަމަށެވެ.
މެމްބަރު ވިދާޅުވީ، ގެއަކުން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދާއިރު އޮންނަނީ މުޅި ހިސާބުގެ ގެތަކުގެ މީހުން އައިސޮލޭޝަނަށް ދާންޖެހިފައި ކަމަށެވެ. އަދި ވިދާޅުވީ، ގޭބިސީއެއްގައި 10-15 މީހުން ތޮއްޖެހިގެން ދިރިއުޅޭއިރު އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލައި ތިބެން ޖެހުމުން ދިމާވާ މައްސަލަތައް މަދެއް ނުވާނެ ކަމަށެވެ.
އެބޭފުޅާގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ޕޯސްޓްގައި ޝިޔާމް ވިދާޅުވީ، އެކި އިދާރާތަކުގައި މަސައްކަތް ކުރާ މީހުން އެއްކޮށްހެން އައިސޮލޭޝަނަށް ދާން ޖެހުމަކީ މިހާރު ނަތީޖާތައް އަންނަ ގޮތުން ދުރުގައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުޅި ރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.
މީގެ އިތުރުން، ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް މި ވަގުތު ނެތުމަކީ ވެސް ހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަން ޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމައު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް. އަދި ރަށުގެ ހަގީގީ ހާލަތު ދެނެގަންނަން އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅައި ހާލަތު ބަދަލުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ވީހާ ވެސް އަވަހަކަށް ރަނގަޅު ފިޔަވަޅުތައް އެޅުމަށް ޝިޔާމް ގޮވައިލެއްވި އެވެ.
"ހުރިހާ ގެއެއްގައި ޓޭޕް ދަމައި މޮނިޓަރިންނަށް ލައި ރަށުގެ ރައްޔިތުން ގޭ ބަންދުކޮށް ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއް ނޫން ކަމުގައި ދަންނަވަން. މި ވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވޭ،" ޝިޔާމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް