ވޯލްޑްކަޕް ކޮލިފައިން: ބެލްޖިއަމް އާއި ނެދަލެންޑްސް އަށް ބޮޑުމޮޅެއް

އަންނަ އަހަރު ގަތަރުގައި ވޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުހެރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އަދި ނެދަލެންޑްސް މޮޅުވެއްޖެއެވެ. ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް މޮޅުވީ ބެލަރ...

31 Mar 2021 | 03:32

އަންނަ އަހަރު ގަތަރުގައި ވޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުހެރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އަދި ނެދަލެންޑްސް މޮޅުވެއްޖެއެވެ.

ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް މޮޅުވީ ބެލަރޫސް އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި ބެލްޖިއަމުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ބެލްޖިއަމުގައި ހާންސް ވަނަކެންނާއި ލެއަންޑްރޯ ޓްރޮސާޑް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މިޝީ ބަޓްޝުއާއީ އާއި، ޖެރެމީ ޑޯކޫ އާއި، ޑެނިސް ޕްރައެޓް އަދި ކްރިސްޓިއަން ބެންޓެކޭއެވެ.

ރޭގެ މި ނަތީޖާއާއި އެކު ބެލްޖިއަމް އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކު ގުރޫޕް އީގެ އެއްވަނާގައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ދެން އޮތް ވޭލްސް އާއި ބެލަރޫސަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރޭ ކުޅުނު މެޗުތަކުން ގްރޫޕް ޖީއަށް ބަލާލާއިރު، މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް ވަނީ ޖިބްރަލްޓާ އަތުން 7-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ނެދަލެންޑްސްއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ސްޓީވެން ބެއާހަސް އާއި، ލޫކް ޑި ޔޮންނާއި، ޖިއޮޖީނިއޯ ވައިނަލްޑަމާއި، ޑޮންޔެލް މަލެން އަދި ޑޮނީ ވެން ޑަ ބީކެވެ.

ރޭގެ މި ނަތީޖާއާއި އެކު ނެދަލެންޑްސް ގްރޫޕް ޖީގެ ދެވަނައަށް ޖެހިލިއިރު، މި ގުރޫޕުގެ އެއްވަނާގައި  އޮތީ ތުރުކީއެވެ. އެގޮތުން ތުރުކީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނެދަލެންޑްސްއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް މޮންޓެނީގްރޯ އާއި ހަތަރުވަނައިގައި އޮތް ނޯވޭއަށްވެސް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް