ލަވަކިޔުންތެރިޔާ ރާފިއަތު ރަމީޒާގެ ނަމުގައި އޮޅުވާލައިގެން ފޭސްބުކް ޕޭޖެއް އެބަ ހިންގައެވެ. މި ޕޭޖުން ފޭސްބުކްއަށް ލާފައިވަނީ ވެސް އެންމެ ޕޯސްޓެކެވެ.
އެ ޕޯސްޓުގައި ވާގޮތުން، ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ޓީވީއެއް ލިބެއެވެ.
މިއީ ފޭކް ޕޭޖެއްކަން ކަށަވަރުކޮށްދީ، ރާފިޔަތުގެ ފޭން ޕޭޖުން ޕޯސްޓެއް ކޮށްފައިވެއެވެ. އެގޮތުން ފޭކް ޕޭޖުގައި 'ސޯޝަލް ސަރވިސް' ޖަހާފައިވާއިރު، އެ ޕޭޖަށް ލައިކ ދީފައި ވަނީ1،109 މީހުންނެވެ.
ރާފިއަތުގެ އަސްލު ފޭން ޕޭޖުގައި 'މިއުޒިޝަން/ބޭންޑް' ޖަހާފައި ވާއިރު، އެ ޕޭޖަށް ވަނީ15،560 މީހުން ލައިކު ދީފައެވެ.
ރާފިޔަތުގެ ނަމުގައި ހަދައިގެން އުޅޭ ފޭކު ފޭސްބުކް ޕޭޖުގެ ޕްރޮފައިލް ފޮޓޯ އާއި ކަވަރ ފޮޓޯއަށް ލާފައި ވަނީވެސް ރާފިޔަތުގެ އަސްލު ފޭން ޕޭޖަށް ލާފައިވާ ފޮޓޯއެވެ.
ރާފިޔަތުގެ ނަމުގައި ލަކީޑްރޯއަކުން ޓީވީއެއް ދޭނެ ކަމަށް ބުނާ ޕޭޖަކީ ފޭކް ޕޭޖެއް ކަމަށާއި، މި ޕޭޖް ރިޕޯޓްކޮށްދިނުމަށް ރާފިއަތުގެ ފޭން ޕޭޖުން އެދިފައިވެއެވެ.
އެ ޕޭޖުގައި ޖަހާފައިވާ ޕޯސްޓަށް ގިނަ ބަޔަކު ދަނީ 'ވިން' ޖަހައި ކޮމެންޓް ކުރަމުންނެވެ. އެގޮތުން ދެހާސް ތިންސަތޭކަ އަށް ވުރެ ގިނަ މީހުން އެ ފޭކް ޕޭޖުގައި ޖަހާފައިވާ ލަކީޑްރޯއަށް ކޮމެންޓް ކޮށްފައި ވާއިރު، އެއްހާސް ހަތްސަތޭކަ އަށް ވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއަރ ކޮށްފައި ވެއެވެ.
މިފަދަ ކަންތައް ތަކުރާރުކޮށް ހިނގަމުންދާއިރު، ދިވެހިން މިހާރަށްވުރެ ސަމާލުވާން ޖެހެއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމާއި މިފަދަ ލަކީޑްރޯތައް ކުރިއަށް ގެންދަމުން ދާއިރު، މީސްމީޑިޔާއިން އެއްޗެއް ހިއްސާ ކުރުމުގެ ކުރީގައި އެއީ ރަނގަޅު ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްތޯ ޔަގީންކޮށލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް