މުޒާހަރާ ކުރިޔަސް އިސްކަން ދެވޭނީ ރައްކާތެރިކަމަށް: މަބްރޫކް

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކާއި ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރިޔަސް އިސްކަން ދެވެން މިވަގުތު އޮތީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަ...

31 Mar 2020 | 17:18

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކާއި ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރިޔަސް އިސްކަން ދެވެން މިވަގުތު އޮތީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން މިހެން ބުނެފައި މިވަނީ ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު ހުޅުމާލޭ ފަޅުތެރޭގައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ. އެޗްޕީއޭއިން އަންގާފައިވަނީ ސަފާރީތަކުން މުވައްޒަފުންނަށް ފޭބޭނީ އެންމެ ފަހު ޓޫރިސްޓު ފުރާތާ14 ދުވަސް ފަހުން ކަމަށެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރިސޯޓުތަކާއި ސަފާރީތަކުން ރަށްރަށަށް ނުދެވޭ ކަމުގެ ޝަކުވާ ކޮންމެ ދުވަހަކު މުވައްޒަފުން ކުރަމުންދާ ކަމަށެވެ. އަދި ސަފާރީތަކުގެ މުވައްޒަފުން މުޒާހަރާ ކުރި ކުރުންވެސް ބަލައިގެންނަ ކަމަށެވެ.

އެކަމަކު މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް މުޅި ދުނިޔޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައި އިސްކަން ދެވެން އޮތީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކަކީ އާންމު ދިރިއުޅުމާއި އެންމެންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

މުޒާހަރާ ކުރުމުގެ ބަދަލުގައި ރިސޯޓުތަކާއި ސަފާރީތަކުން ޓޫރިސްޓުން ފުރުމުން ކަރަންޓީންގެ މުއްދަތު ހަމަކޮށް ވީހާވެސް އަވަހަކަށް މައުލޫމާތުތައް ފުރިހަމަކޮށް އެޗްޕީއޭއަށް ފޮނުވުމުން ހުރިހާ ކަމެއް ވީ އެންމެ އަވަހަކަށް ހަމަޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިކަމުގައި ހުރިހާ ފަރާތަކުން އެއްބާރުލުން ދިނުމަށް މަބްރޫކް އެދިވަޑައިގެންނެވި އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު އަމަލު ކުރަން ފެށި އެންގުމެއްގައި ބުނެފައިވަނީ އެންމެ ފަހު ޓޫރިސްޓު ދިއުމުން14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށް ސަފާރީތަކާއި ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ދެވޭނީ އޭގެތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ނެތް ނަމަ ކަމަށެވެ. އަލާމާތެއް ހުރި މީހަކު ހުރި ނަމަ މުވައްޒަފުންނަށް ދެވޭނީ އެމީހަކު ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުންނެވެ.

ޓޫރިސްޓުން ރިސޯޓު ތަކުގައި ތިއްބަ ދާން ބޭނުންވާ މުވައްޒަފުންނާއި އެކި ބޭނުންތަކުގައި ރިސޯޓުތަކަށް ގޮސް ތިބި މީހުން14 ދުވަހު އެކަހެރިކޮށް ހުރިކަން އެޗްޕީއޭއަށް ރިސޯޓު މެނޭޖުމެންޓުން ކަށަވަރުކޮށްދޭން ޖެހެ އެވެ. އޭގެ ފަހުން އެމީހަކަށް ނުވަތަ މުވައްޒަފަކަށް ރިސޯޓުން ފޭބޭނީ ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް