ބައެއް ސަފަރާތީތަކުގައި މަސައްކަތް ކުރާ މީހުން ހުޅުމާލޭ ފަޅުތެރޭގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
އެމީހުން މުޒާހަރާ ކުރަމުންދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވާތީ އެވެ. ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީހުން ދިރިއުޅޭ ރަށްރަށަށް ދެވޭނީ އެންމެ ފަހު ޓޫރިސްޓު ސަފާރީން ފައިބާތާ14 ދުވަސް ވުމުން ކަމަށެވެ.
މިކަމާ ހިތްހަމަ ނުޖެހިގެން ބައެއް ސަފާރީތަކުގެ މުވައްޒަފުން ގެންދަނި ކުދި ޑިންގީތަކުގައި ހުޅުމާލޭ ޖެޓީ ސަރަހައްދަށް ކައިރިކޮށްގެން ތިބެގެން އަޑު އުފުލަމުންނެވެ. އަދި ބައެއް ޑިންގީތަކުގައި ތިބި މީހުން ޕޯސްޓަރުތައް ގެންގުޅެއެވެ.
މުޒާހަރާ ކުރަމުންދާ ސަރަހައްދުގެ ފަޅު ތެރޭގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދެ އެވެ.
https://twitter.com/issty83/status/1244950989234270209
ފުލުހުން މިއަދު ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ސިފައެއްގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އިލްތިމާސް ކުރަނީ އެންމެންގެ ރައްކާތެރިކަމަށް ގާނޫނީ އިމުރުގެ ތެރެއިން އަމަލު ކުރުމަށް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް18 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ސަފާރީއެއްގައި ތިބި ދެ ޓޫރިސްޓަކު ހިމެނެ އެވެ. އަދި ފަހުން ރާއްޖެއިން ފުރައިގެން ދިޔަފަހުން ޕޮސިޓިވްކަން އެނގުނު ދެ ޓޫރިސްޓުންނަކީވެސް އެ ސަފާރީގައި ތިބި ދެމީހުންނެވެ.
މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެހިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް