ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފްލެޓުތަކާއި ރޯހައުސް އަދި ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ކުރިޔަށް އޮތް ދެ މަހު 30 ޕަސެންޓު ފަސްކޮށްދޭން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ މިގޮތަށް ހަމަޖައްސައިދޭން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.30 ޕަސެންޓު މާފުކޮށްދޭން ނިންމާފައިވަނީ އޭޕްރިލް މަހާއި މެއި މަހުގެ ކުލިންނެވެ.
އެކަމަކު މި ލުއި ލިބެނީ އެކަމަށް އެދި ފޯމު ހުށަހެޅުމުންނެވެ. އަދި މިގޮތަށް ހަމަޖައްސައިދޭނީ މީގެ ކުރިން ގަވައިދާ އެއްގޮތަށް ކުލި ދައްކާފައިވާ މީހުންނަށް އެކަންޏެވެ. މީގެ އިތުރުން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އޭޕްރީލް އާއި މެއި މަހުގެ ކުލި އެއްކޮށް ދައްކާފައިވާ ނަމަ އެ ޖަމާކުރި ފައިސާގެ 30 ޕަސެންޓް އެޗްޑީސީން އަނބުރާ ވެރިފަރާތަކަށް ދޭނެ ކަމަށެވެ.
އެޗްޑީސީން ނިންމާފައިވަނީ ފަސްކޮށްދޭ30 ޕަސެންޓަށްވާ ކުލީގެ ބައި12 މަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދޭންށެވެ. މި މުއްދަތުގައި ގަވައިދާ އެއްގޮތަށް ފައިސާ ދައްކަން އުނދަގޫވާ ނަމަ އެކަންކަން ހާމަކޮށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އެތަނުން ބުނެ އެވެ.
އެޗްޑީސީގެ ފްލެޓްތަކުން 30 ޕަސެންޓްގެ ކުލި ކުރިއަށް އޮތް ދެ މަހަށް ކުޑަކޮށްފައިވާ އިރު ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއިތައް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް