ކޯވިޑް-19ގެ ހާލަތތުން އަރައިގެންނަންދެން މުވައްޒަފުންނާއި ދޭތެރޭ އިހާނެތިގޮތަކަށް ކަންތައް ނުކުރުމަށް އެދިޥައިގެން އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ލޯނުތަކުގެ އެއްވެސް ފައިދާއެއް މުވައްޒަފުންނަށް ނުކުރާނެ ކަމަށް އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރުން މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
މިހެން އޭނާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން އަންނަ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވާލި ސްޓިމިއުލަސް ޕެކޭޖާއި މެދު މަޖިލީހުން ދެކޭ ގޮތް ހާމަކުރަން ކުރިޔަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނިހާދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ހެދި އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނިހާދު ވިދާޅުވީ ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖްތައް ނަގައިގެން އެ ފައިސާ މުވައްޒަފުންނަށް ދީފާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފައިސާ ނަގައިގެންވެސް ވިޔަފާރިވެރިން އެހެން ކަންކަމަށް އިންވެސްޓު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނިޙާދުގެ ވާހަކައިގަ ވަނީ ރިސޯޓުތަކުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް އަމަލު ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.
އަދި ވިދާޅުވީ މިކަމަށް އެންމެ ރަނގަޅު ހައްލަކީ މުވައްޒަފުންގެ ޕެންޝަން ފަންޑުން ކޮންމެސް މިންވަރެއް ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ވަރަށް ބޮޑަށް އެދެމުން ދަނިކޮށް މުވައްޒަފުންގެ މުސާރަތައް އުނިކޮށް އިހާނެތިކޮށް ހަދާ ކުންފުނިތަކުގެ މުދާ ދައުލަތަށް ނެގުމަށްވެސް އޭނާ ގޮވާލެއްވި އެވެ.
ފެންޝަން ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރަށް ކުރެވޭނެ ކަމެކެވެ. އެ ގާނޫނަށް އިސްލާހު ގެނެސް މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރު މަސައްކަތް ކޮށްދިނުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކުދެކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް