ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލެމުންދާ މަސައްކަތްތެރިންގެ ހައްގު ހޯދައި ދިނުމަށް ޕެންޝަން ފަންޑުން ކޮންމެސް ވަރެއް ލިބޭނެ ގޮތް ހެދުމަކީ ފެންނަ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މެންބަރު އަލީ ހުސައިން ވިދާޅުވީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އަކީ ވަކި ކަމަށް މުވައްޒަފުން އަތުން ނެގޭ އެއްޗެއް ކަމަށެވެ. އެކަމަކު މިފަދަ ދަނޑިވަޅެއްގައި ކޮންމެސް މިންވަރެއް ވަޒީފާ ގެއްލޭ މުވައްޒަފުންގެ ޕެންޝަން ފަންޑުން ނެގޭ ގޮތަށް ފެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަކީ ފެނިވަޑައިގެންނަވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ އިސްލާހެއް އެ ގާނޫނަށް ގެންނަ ނަމަ ވަޒީފާ ގެއްލޭ މީހުންގެެ ހާލަތަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށެވެ. އަދި ވަޒިފާ ގެއްލޭ މަސައްކަތްތެރިންނަށް ދައުލަތަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަށް ރިއާޔަތް ކުރަން ޖެހޭކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރާ މަސައްކަތްތެރިންގެ ތެރެއިން ވަޒިފާ ގެއްލުމުގެ ބިރު ބޮޑުވެ ވަޒީފާ އެންމެ ގިނައިން ގެއްލެމުން ދަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ މިހާތަނަށް އެ ދާއިރާގައި މަސައްކަތް ކުރާ11،000 މުވައްޒަފަކު މުސާރަ އާއި އިނާޔާތް ލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށެވެ.
ސަރުކާރުން ބުނީ މިހާތަނަށް200 އަށްވުރެ ގިނަ ޝަކުވާ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނެސްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. ސަރުކާރުން ބުނީ އެ މައްސަލަތައް ބަލައި ސަރުކާރުން ދޫކުރާ ލޯނުތައް ދިނުމުގައި އެ ކުންފުނިތަކަށް އިސްކަން ނުދޭނެ ކަމަށެވެ.
އެކަމަކު ސަރުކާރުގެ އިންޒާރާއި އެކުވެސް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ބޭރުގެ ބޮޑެތި ކުންފުނިތަކުން ދަނީ މުވައްޒަފުން ވަޒިފާއިން ކަނޑާ މުސާރަ އުނިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގަން މަޖުބޫރު ކުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް